ޚަބަރު

ކޯވިޑް-19 : ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަށް 1 އަހަރު


12 މާރިޗު 2020އިން ފެށިގެން ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 4 އޭޕްރިލް 2021ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާންކޮށް ނެރެފައިވާ ޤަރާރުގައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތުމުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތު ޢިއުލާންކުރާކަމަށެވެ.

12 މާރިޗު 2020 އިން ފެށިގެން 30 ދުވަހުން 30ދުވަހުން މިހާތަނަށް އައީ ސިއްޙީ ކުއްލިނުރައްކަލުގެ ހާލަތގެ މުއްދަތު އިތުރުކުރަމުންނެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް މިވަނީ އިތުރުކޮށްފައެވެ. މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮތްކަމަށާއި، އަދި ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވާފައިވާކަމަށް މުއްދަތު އިތުރުކޮށް ނެރުނު ޤަރާރުގައިވެއެވެ.

އެހެންކަމުން ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުވަނީ ހެލްތު މިނިސްޓަރަށް ދަންނަވާފައިކަމަށް މިޤަރާރުގައިވެއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 4 އޭޕްރިލް 2021ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމެވުމާއެކު ރާއްޖޭގައި މިޙާލަތު އޮންނަތީ އަހަރެއް ވެގެން މިދިޔައީއެވެ.


ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމައްޓަކައި މިހާރުވަނީ ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ރޭގަނޑު 11އިން ފެށިގެން ފަތިހު 4:30އަށް މާލެ ސަރަޙައްދުގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި އިރުއޮއްސި 6 އިން ފެށިގެން ހެނދުނު 6 ޖެހުމާހަމައަށް އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެކެވެ.

އަދި މި ގެނައި ބަދަލާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީވެސް މަޖުބޫރު ކަމެއްގެ ގޮތުގައި މިހާރުވަނީ ކަނޑައަޅާފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަލުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެ ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތައް ލާފައިވާއިރު، މިހާތަނަށް 20،000ވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.