ޚަބަރު

ކޯވިޑް-19 : ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ ހަފްތާގައި


މާލެއިން ކޯވިޑް-19 ފެނުނު ފަހުން އެންމެ ގިނަ މީހުން އެއް ހަފްތާގައި ޕޮޒިޓިވްވީ މިދިޔަ ހަފްތާގައިކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯވިޑް-19ގެ ރާއްޖޭގެ އެންމެފަހުގެ ޙާލަތާ ގުޅޭ މައުލޫމާތު ހާމަކުރައްވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ޚާއްސަކޮށް މާލެ ސަރަޙައްދަށް ބަލާއިރު މިހާތަނަށް އެއް ހަފްތާގައި ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އެއްފަހަރާ ނުފެންނަވަރަށް މިދިޔަ ހަފްތާގައި ފެނިފައިވާކަމަށެވެ.

މާލެގައި ކޮމިއުނިޓީ ސްޕްރެޑް މުވަތަ މުޖުތަމަޢަށް ބަލި ފެތުރުނުކަމަށް ފެނުނު ދުވަސްކަމުގައިވާ 15 އޭޕްރީލުން ފެށިގެން ހަފްތާ ގުނަން ފަށާފައިވާއިރު އެޗްޕީއޭއިން ހަފްތާ ގުނަނީ ކޮންމެ އަންގާރަ ދުވަހަކުންފެށިގެންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހާ ހަމައަށް ގުނުނު ހަފްތާގައި 1،020 މީހުން ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"1،020ކޭސް އެއީ މިހާތަނަށް އެއްވެސް ހަފްތާއަކު ފެނިފައިނުވާ ކޭސް، މެދުތެރޭގައި ސެކަނޑް ޕީކްގައި އެންމެ ގިނައިން އެއްހަފްތާގައި ކޭސްތައް ފެނިފައިމިވަނީ 971 ކޭސް. ވޭތުވެދިޔަ 5 ހަފްތާއަށް ބަލާލާއިރު 900އިން މަތީގައި ކޭސްތައް މިއުޅޭނީ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާއާ އެއްގޮތަށް މިހަފްތާގައިވެސް ކޭސް އިތުރުވަމުންދާކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. މިއާއެކު ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތު އޮތްގޮތަށް ބަލައި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތުވަނީ އިތުރުވެސް ކޮށްފައެވެ.

ރާއްޖެއިން ފުރަތަމަ ކޯވިޑް-19 ކޭސް ފެނުނުތާ އަހަރެއްހާ ދުވަސްވެފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިހާތަނަށް 20،000މައްޗަށްވަނީ އަރާފައެވެ. މިހާރުވެސް 2،600އަށްވުރެ ގިނަމީހުންދަނީ މިބަލި ޖެހިގެން ފަރުވާ ދެމުންނެވެ. މިބަލީގައި މިހަތަނަށް 64 މީހުންވަނީ ނިޔާވެފައެވެ.