ވިޔަފާރި

ރިސޯޓްތަކުގެ 26 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހައިފި


ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށްވުމުން ވެކްސިން ޕްރޮގްރާމް ފެށުމާއެކު ހާއްސަ ސަމާލުކަމެއް މި ސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ވެކްސިން ޕްރޮގްރާމް ފެށިތާ ތިން ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދޭންވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %26 މުވައްޒަފުންނަށް މިހާރު ވެކްސިން ދީފައިވާކަމަށެވެ. ޖުމްލަ 34 ރިސޯޓެއްގައި މިވަގުތު ވެކްސިން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވާ ރިސޯޓްތަކާއި ކައިރީގައި ހުރި ރިސޯޓްތަކުންވެސް ވެކްސިން ޖެހުމަށް އެ ރިސޯޓްތަކަށް ދަނީ އަންނަމުންނެވެ. އެހެންކަމުން 24 ރިސޯޓަކަށް ވެކްސިން ޖެހުމުގެ ހުއްދަ މިހާތަނަށް ދީފައިވީނަމަވެސް 80 އަށްވުރެ ގިނަ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އައްސަދު ވިދާޅުވިއެވެ.

"ނަންބަރަށް ބަލާލާއިރުގައި މިހާރު ޖުމްލަ 11000 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ޖެހިއްޖެ. ރަށްރަށުގެ ގެސްޓްހައުސްތަކުގައި ވެކްސިން ޖެހުމުގެ ކަންކަން އެހާބޮޑަށް ނުފެށި ހުރީމައި ގެސްޓްހައުސްތަކުން ވެކްސިން ޖެހި މީހުންގެ އަދަދު މަދު. މުޅި ޖުމްލަ އަޅުގަނޑުމެން ހިސާބު ބަލާލާއިރުގައި ހުރިހައި ރިސޯޓެއްގައި މިއުޅެނީ 37000 ނުވަތަ 38000 މުވައްޒަފުން. މިހާރު ޖެހިފަހުރި އަދަދަށް ބަލައިފިއްޔާ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 26 އިންސައްތައަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ޖެހިފައި މިހުރީ. ޖަހަމުންދާ ރިސޯޓްތަކުގެ 50 ނުވަތަ 60 އިންސައްތަ މުވައްޒަފުންނަށް މިހާރު ހުރީ ވެކްސިން ޖެހިފައި." އައްސަދު ވިދާޅުވިއެވެ.

34 ރިސޯޓަކަށް ވެކްސިން ޖެހުމުގެ ހުއްދަ މިވަގުތު ދޫކޮށްފައިވީނަމަވެސް އިތުރު ރިސޯޓްތަކަށް ވެކްސިން ޖެހުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، މިހާރުވެސް އިތުރު 25 ރިސޯޓަކުން ހުއްދައަށް އެދިފައިވާކަމަށް އައްސަދު ވިދާޅުވިއެވެ. ރިސޯޓްތަކަށް ވެކްސިން ޖެހުމުގެ ހުއްދަ ދެނީ ވަކި ޙާއްސަ ކަންތައްތަކެއް ފުރިހަމަވެފައިވާނަމައެވެ. އޭގެތެރޭގައި ރަޖިސްޓްރޭޝަންއާއި، ވެކްސިން ޖަހާނެ ތަނާއި، ވެކްސިން ޖަހާ ނިންމުމަށްފަހު މޮނިޓަރިންގައި ބަހައްޓާނެ ތަނަކާއި، ކަމެއް ދިމާވެއްޖެނަމަ މޮނިޓަރިންގައި ބެލޭނެ ތަނެއް ހުންނަންޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ވެކްސިން ބަހައްޓަނީ އަތޮޅު ހޮސްޕިޓަލްތަކުގައިކަމަށެވެ. ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ ކޮންމެ ދުވަހެއްގަވެސް ރިސޯޓްތަކުގައި ޖަހާ ވެކްސިން އެ ރިސޯޓަކުން އައިސް އަތޮޅު ހޮސްޕިޓަލުން ނަގައިގެން ގެންގޮސް ޖަހާގޮތަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ، ޓޫރިޒަމް ސިނާއަތުގެ އެއްވެސް މުވައްޒަފަކު ވެކްސިން ޖަހަން ބޭނުންވެ، ވެކްސިން ނުޖެހި ނުދާނެކަމަށާއި އެކަމުގެ ޔަޤީންކަން މިނިސްޓްރީން ދޭކަމަށެވެ.