ޚަބަރު

ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާގުޅޭ 31 ޝަކުވާއެއް މިދިޔަ އަހަރު ހުށަހަޅާފައިވޭ - ޖޭއެސްސީ


ފަނޑިޔާރުން އިންޓެގްރިޓީއާ ޚިލާފުވެފައިވާ ކަމުގެ 31 ޝަކުވާއެއް މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ 2020ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަން ހިނގައި ދިޔަގޮތުގެ މަށްޗަށް އެކުލަވާލާފައިވާ އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ 2020 ވަނަ އަހަރު ފަނޑިޔާރުންނާި ބެހޭގޮތުން ޖޭއެސްސީއަށް 288މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން 41 މައްސަލަ ޝަކުވާގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ފަނޑިޔާރުންގެ އިންޓަރގްރިޓީއާ ގުޅޭ ޝަކުވާތައްކަމަށާއި، އިންޓެގްރިޓީއާ ޚިލާފުވެފައިވާ ކަމަށް 31 ޝަކުވާ ހުށަހަޅާފައިވާކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ 6 ޝަކުވާއާ، ކޯޓަށް ހުށަހަޅާފައިވާ ޝަކުވާތައް ލަސްވެގެން ހުށަހަޅާފައިވާ 3 ޝަކުވާއެއްގެ އިތުރުން ހިތްތިރިކަމާއި ރިވެތި އަޚުލާގު ނެތްކަމަށް ހުށަހަޅާފައިވާ ޝަކުވާއެއް ހިމެނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ހުށަހެޅިފައިވާ ޝަކުވާތަކާއެކު މިދިޔަ އަހަރު 147ޝަކުވާއެއް ބެލުމުގެ މަސައްކަތް ކޮމިޝަނުން ފަށައި އޭގެ ތެރެއިން މިދިޔަ އަހަރު 79 ޝަކުވާ ނިމިފައިވާއިރު، ޖޭއެސްސީގެ އަހަރީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ވަކި ގޮތެއް ނުނިމިހުރީ 68 ޝަކުވާއެވެ. މިހުރިހާ ޝަކުވާތަކަކީވެސް ދިރާސާކުރުމުގެ މަރުޙަލާގައި ނުވަތަ ތަޙްޤީޤީ މަރުޙަލާގައި ކުރިއަށްދާ ޝަކުވާތައް ކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ ދެ އަހަރު ޖޭއެސްސީން ބެލި ޝަކުވާތަކަށް ބަލާއިރު، 2020 ވަނަ އަހަރު ބެލި 147(ސަތޭކަ ސަތާޅީސް) މައްސަލައިގެ ތެރެއިން އަހަރު ނިމުނު އިރު 53.4އިންސައްތަ މައްސަލަ ވަނީ ނިންމާފައެވެ.

މިއީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު 22.3އިންސައްތައިގެ ކުރިއެރުމެއްކަމަށާއި، 2019ވަނަ އަހަރުން ފެށިގެން 2020ވަނަ އަހަރުގެ ނިޔަލަށް، ނިމުނު މައްސަލަތަކުގެ ނިސްބަތް 38.5އިންސައްތަ އިތުރުވެ، ނުނިމި ހުރި މައްސަލަތަކުގެ އަދަދު 55.9 އިންސައްތަ ދަށްކުރެވިފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.