ޚަބަރު

ޕީޕީއެމް-ޕީއެންސީ ބައިލައްކަ ރުފިޔާއިން، އެމްޑީޕީ 5000ރުފިޔާއިން ޖޫރިމަނާކޮށްފި


ކޯވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ މިންގަޑުތަކާއި ޚިލާފްވެފައިވަތީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީވެސް އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފުވެފައިވާތީ އެޕާޓީވެސް 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމްޑީޕީ ޖޫރިމަނާކޮށްފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފުވުމުން ކަމަށް މަޢުލޫމާތު ލިބެއެވެ. އެމްޑީޕީން ބުނެފައިވަނީ އެ ހަރަކާތް ބޭއްވީ އެޗްޕީއޭގެ ހުއްދައާއެކުކަމަށެވެ. ނަމަވެސް ކޯވިޑް-19 މާލެ ސަރަހައްދުގައި ފެތުރުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވަގުތެއްގައި މާލެ ސަރަހައްދުގައި އެއްވެ ނޫޅެވޭގޮތަށް އުސޫލެއް އެކުލަވާލައި އާންމުކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ އެހަރަކާތުގައި އެއަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ޖޫރިމަނާކޮށްފައިވަނީ ކޮންމެ ޕާޓީއެއް 25000 ރުފިޔާއިންނެވެ. އެދެޕާޓީ ޖޫރިމަނާކޮށްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެޕާޓީގެ އިސްވެރިންނާއި ޕާޓީގެ މެންބަރުން އެއްވެ އެޗްޕީޢޭގެ މިންގަނޑުތަކާ ތަކުރާރުކޮށް ޚިލާފްވުމުގެ ސަބަބުންނެވެ. އެ ދެޕާޓީން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.

އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގިނަ ޢަދަދެއްގެ ބަޔަކު ގެންދިއުމަށްފަހު ޖޫރިމަނާކުރުމަށްފަހު އެމީހުންވަނީ ދޫކޮށްލާފައެވެ.