ޚަބަރު

ކޯވިޑް-19 : ތިން ދުވަހަށްފަހު ކޭސްތަކުގެ ޢަދަދު 100އިން މައްޗަށް


ތިން ދުވަސްވަންދެން ކޯވިޑް-19ގެ ކޭސްތަކުގެ ޢަދަދު 100އިން ދަށުގައި ހުރުމަށްފަހު މިއަދު 150ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 153މީހުންނެވެ.

މީގެތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން 132 މީހުން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވާއިރު، މީހުން ދިރިއުޅޭ ރަށްތަކުން 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 2 މީހުން ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން 2 މީހަކާއި، ސިނާޢީ ރަށްރަށުންވެސް 3މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 21،819އަށް އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 97 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 18،342 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،406 މީހުންނެވެ. ބަލީގައި އެޑްމިޓްކޮށްގެން 126 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 64 މީހުން ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި4،553 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 585،713އަށް އަރާފައެވެ.