ޚަބަރު

ސަރުކާރުން އެއްވެސް މިޑިއާއަކަށް ހުރަހެއް ނާޅާނެ: ތަރުޖަމާން


ސަރުކާރުން އެއްވެސް މީޑިއާއަކަށް ހުރަސްނާޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.ރައީސްއޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ފާޑުކިޔުންތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. މީގެ އިތުރުން މީޑިއާގެ ބެލެނިވެރި ފަރާތްތަކުގެ މަސްއޫލިޔަތަކަށް ވާންވާނީ، މީޑިއާތައް އިމުގެ ތެރޭގައި ބޭތިއްބުންކަމުގައި ސަރުކާރުން ގަބޫލުކުރާކަމަށް މުއާޒް ވިދާޅުވި އަދި މީޑިއާތައް  ރެގިއުލޭޓްކުރާ ފަރާތްތަކަކީ، ވަކި ވަގުތަކާއި ދިމާކޮށް ނޫސްބަޔާން ނެރެން ހުންނަ ތަންތަނެއް ނޫންކަމަށާއި، އެއަށްވުރެ އެ މުއައްސަސާތަކުގެ ޒިންމާ ބޮޑުކަމަށް މުއާޒް ވިދާޅުވި. މީގެ އިތުރުން މީޑިއާގެ މުއައްސަސާއަކަށްވުމަކީ، ނުވަތަ ނޫސްވެރިޔަކަށް ވުމަކީ ކުށުގެ ތުހުމަތުތަކުން ބަރީޔަވުމަށް ދެއްކެން އޮތް ހުއްޖަތެއްނޫންކަމަށްވެސް މުއާޒް ވިދާޅުވިއެވެ.ރައީސް ޔާމިންގެ ސަރުކާރުން މީޑިއާތަކަށް ހުރަސް ނާޅާނެކަން ފާހަގަކުރަށްވަމުން މުއާޒް ވިދާޅުވީ، މީޑީއާއަކާއި ދެކޮޅަށް އުފުލާފައިވާ ދައުވާއެއް އަންބުރާ ގެންގޮސްފައިވަނީ ހަމައެކަނި މިސަރުކާރުންކަމަށެވެ.ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމަށްބުނެ ވާހަކަދައްކަމުން ދާކަމަށާއި، އެކަން ކުރަމުންއެދަނީ ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ހޯދުމަށްކަމަށް ބެލެވޭކަމަށް މުއާޒް ވިދާޅުވިއެވެ. ސަންގުޓީވީއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، ތަހްޤީޤަށް ބޭނުންވާ ބައެއް ތަކެތި ގެންދިއުމާއި ގުޅިގެން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.ނަމަވެސް ފުލުހުން ބުނެފައިވަނީ ސަންގު ޓީވީއަށް ވަދެފައިވަނީ މައްސަލައަކާއި ގުޅޭ ސާފު ހެކި ލިބިގެންކަމަށެވެ.