ޚަބަރު

ފަންނީ މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލާ މީހުންނަށް އެހެން މަޝްރޫއަކުން ފްލެޓް ދެނީ


ހިޔާ ފްލެޓް ދޫކޮށްލާ މީހުންގެ ތެރެއިން ކުރިއަށް ހުރި މަޝްރޫޢުތަކުން ފްލެޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަން ނިންމައިފިއެވެ. ހިޔާ ފްލެޓް ދޫކޮށްލާ މީހުންނަށް ކުރިއަށް ހުރި މަޝްރޫޢުތަކުން ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސްވަނީ ފާސްކޮށްފައެވެ.

ހިޔާ ފްލެޓް ދޫކޮށްލާ މީހުންގެ ތެރެއިން ކުރިއަށް ހުރި މަޝްރޫޢުތަކުން ފްލެޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން ފަންނީ ފަރާތްތަކުގެ ޚާއްސަ ކޮށްފައިވާ ކެތަގަރީގެ އިތުރުންވެސް އެހެނިހެން ކެޓަގަރީތަކުގެ ދާއިމީ ލިސްޓްތަކުގައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ހިންގާ ބޯހިޔާވަހުކަމުގެ އެހެން މަޝްރޫޢުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި ސަރުކާރުން މިހާރު ދަނީ އެ ފުރުޞަތުގެ ބޭނުން ހިފައި ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް މަސައްކަތް ކުރަމުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ މިމަހުގެ ތެރޭގައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އެގޮތުން އެޗްޑީސީން މިހާރު ވެސް އެކި މީހުންނަށް ލިބެންޖެހޭ އެޕާޓްމަންޓްތަކުގެ ގުރުއަތުލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެގްރިމެންޓްގެ ކަންތައްތައް ވެސް ފައިނަލައިޒް ވަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގައި ނަރުހުންނާއި ޑޮކްޓަރުންނަށް ޚާއްޞަ ކެޓަގަރީން ފްލެޓް ލިބުމަށް ޝަރުތު ހަމަވެ ފްލެޓް ލިބޭނެކަމަށް މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލުމަށް އެދޭ ފަރާތްތަަކަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ އެކިއެކި ގިންތިތަކުގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް އެންމެ އެކަށޭނެ ގިންތިއަކުން ފްލެޓް ނުވަތަ ހައުސިން ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވަނީ ފްލެޓްތައް ހަވާލުކުރަން ފެށިނަމަވެސް ފިނިޝިންގެ މަސައްކަތްތައް ނުކޮށް ހުރުމުގެ ސަބަބުން ފްލެޓަށް ވަދެވޭނީ ލަހުން ކަމަށެވެ. އަދި ފްލެޓަށް ވަނުމަށްޓަކައި އިތުރު ތިން މަސް ދޭނެކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އިތުރަށް ދޭ 3 މަސްދުވަހުގެ ތެރޭގެ އެއްވެސް އަގެއް ނުނަގާނެކަމަށާއި ފްލެޓަށް ވަނުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ 7000 އެޕާޓްމަންޓްގެ ތެރެއިން 6720 ފްލެޓް މީހުން ދިރިއުޅުމަށް ވަނީ ހަމަޖައްސާފައެވެ. މި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިހާރު އިޢުލާންކޮށްފައިވާއިރު ފްލެޓްތަކަށް ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅާފައެވެ. އަދި ކަރަންޓުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުން އަންނައިރު ފްލެޓްތަކުގައި ސްމާޓް މީޓަރުތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.