ޚަބަރު

އުފެއްދުންތެރިކަމުގެ 33 ވަނަ ގައުމީ މައުރަޒަށް ތައްޔާރުވަނީ


މިނިވަން ފަންސާހާއި ގުޅުވައިގެން ބާއްވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ 33 ވަނަ ގައުމީ މައުރަޒުގައި މާލެއިން ބައިވެރިވާ ފަރާތްތަކަށް މައުރަޒާއި ގުޅޭ މައުލޫމާތު ދީފިއެވެ.އިކޮނޮމިކް މިނިސްޓްރީއާއި ޕީ.އެސް.އެމް ގުޅިގެން އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ބާއްވާ މިމައުރަޒުގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން މީހުން ބައިވެރިވެއެވެ. މައުރަޒުގެ މާލޭގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނެވެ. މައުރަޒު ފެށުމަށް ގާތްވަމުންދާއިރު، އަތޮޅުތަކުން ބައިވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި، މައުރަޒާއި ގުޅޭ އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި އިއްޔެއިން ފެށިގެން އިކޮނަމިކް މިނިސްޓްރީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ދަތުރުފަށާފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. ރޭ ބޭއްވި ބައްދަލުވުމަށްފަހު ޕީ.އެސް.އެމްއާއި ވާހަކަދައްކަވަމުން ބައެއް ފަރާތްތަކުން ބުނީ ގިނަ ދުވަސްތަކަކަށްފަހު މައުރަޒު ފުޅާކޮށް ބޭއްވިގެން ދިއުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށާއި، މިފަހަރު ތަފާތު ގޮތަކަށް މައުރަޒު ބޭއްވުމަށް ރާވަމުންދާތީ އެފަރާތްތަކުންވެސް އެކަމަށް ވަރަށްބޮޑަށް ތައްޔާރުވަމުންދާކަމަށެވެ.ނަމަވެސް ލިބިފައިވާ ވަގުތު ކުޑަކަން އެފަރާތްތަކުން ފާހަގަކުރެއެވެ.މިފަހަރުގެ މައުޒަޒުގައި އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ކްލާހުންވެސް ބައިވެރިވެއެވެ. މިކަމާއިގުޅޭގޮތުން އެސްކޫލްގެ ޓީޗަރަކު ބުނީ، އެސްކޫލުން ބައިވެރިވާ ކުދިންގެ ފަރާތުން ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެކަމަށެވެ.ދިވެހި އުފެއްދުންތެރިކަމުގެ މިފަހަރުގެ މައުރަޒުގައި ދިވެހި ސަގާފަތާއި އާދަކާދަ ދައްކުވާދިނުމުގެ އިތުރުން، އެހެނިހެން ބައެއް ކަންކަން ވަރަށް ފުޅާދާއިރާއެއްގައި ފެނިގެންދާނެކަމަށް އިކޮނަމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.