ރިޕޯޓް

އައްޑޫގެ ފަތުރުވެރިކަމުގެ މަޝްރޫޢު: ޒަމާންވީ ހުވަފެނެއްގެ ކުލަޖެހުން


އައްޑޫސިޓީ އަކީ ޒަމާނުއްސުރެ ފަތުރުވެރިކަމުގެ ދާއިރާއާއި ވަރަށް ގާތް ރައްޔިތުން ތަކެއް ދިރިއުޅެމުން އަންނަ ސިޓީ އެކެވެ. މިދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބެލި ކަމުގައި ވިއަސް ހުނަރުވެރި މިސިޓީއަށް ނިސްބަތްވާ އެތަކެއް ހުނަރުވެރިން ދައިރާގެ އެކި ފަންތީގައި ހަރަކާތްތެރި ވަމުން އެބަދެއެވެ. ނަމަވެސް އަމިއްލަ ވަޒަނުގައި ދާއިރާއަށް ބޭނުންވާ ކުރިއެރުން އެންމެ އެކަށީގެންވާ ގޮތުގައި އައިސްފައި ނެތް ކަމީ ރައްޔިތުންގެ އަބަދުމެ ޝަކުވާއެކެވެ.

އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އެއް ތަނެވެ. އާބާދީގައި ގާތްގަނޑަކަށް 35 ހާސް މީހުން ހަމަވެއެވެ. ނަމަވެސް މިސިޓީގެ ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކީ ކުރިމަތިވެފައިވަނީ ފަތުރުވެރިކަމުގެ އެނދުތައް މަދުވުމެވެ. މިމައްސަލަ އިތުރު ހުރަހެއް އެޅިގެން ދިޔައީ ކޯވިޑް-19އާއެކު މިސިޓީގެ މައި ދެރިސޯޓު ބަނދުވެގެން ދިއުމާއި އެކުގައެވެ. މިއީ މިސިޓީގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީގެ ބޮޑު ބައެއް ހިއްސާ ކުރާ ދެތަނެވެ.

އައްޑޫގޭ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީއަށް ބަލާއިރު، އައްޑޫގެ ފަތުރުވެރިކަމުގެ ހުރިހާ ޕްރޮޕަޓީއެއް އެއްކޮށްގެންވެސް 1500 އެނދަށް ވުރެ ދަށެވެ. ފަތުރުވެރިކަމުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކާއި އަޅާ ކިޔާއިރު ފަތުރުވެރިކަން ވަރަށް ބޮޑުތަނުންވެސް މިހެން ވުމާއި އެކު ދަށެވެ. އަދި ކޯވިޑް-19ގެ ހާލަތުގައި އިތުރަށް ވެސް ދައްވެގެން ދިޔައެވެ.

ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންގެ ޖީބަން ވަނުމެވެ. އެގޮތުން އައްޑޫގައި 8000 އެނދު ސަރުކާރުން ތަރައްޤީކުރުމަކީ މިސަރުކާރުގެ ވަޢުދަކަށްވާއިރު، މިމަސައްކަތު ޢަމަލީ ބައި މިއޮތީ ފެށިފައެވެ. އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯން ތަކެއްގެ އައްޑޫގެ އަވައްތަކުގައި ތަރައްޤީ ކުރުމަށެވެ. މިސަރަހައްދުތަކަކީ، ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް ރަށު ތެރެއިން ހާއްސަ ކުރެވޭ ވަކި ސަރަހައްދެކެވެ. މި ސަރަހައްދުގައި ހަމައެކަނި އަޅަނީ ގެސްޓު ހައުސްއާއި ހޮޓާ އެކަންޏެއް ނޫނެވެ. މިސަރަހައްދުގައި ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިވެސް ޤާއިމު ކުރެވޭނެއެވެ.

މިގޮތުން މިމަޝްރޫޢުގެ ތެރެއިން ސަރުކާރުގެ ވަޢުދު ކަމަށްވާ 8000 އެނދުގެ ތެރެއިން 4000 އެނދު މިސަރަހައްދުތަކުގައި ތަރައްޤީ ކުރެވިގެން ދާނެއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދެވޭ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް މިވަނީ ފެށިފައެވެ. އެގޮތުން މުޅި ޖުމްލަ މިމަޝްރޫޢުގެ ތެރެއިން 93 ބިމެއް އައްޑޫގެ ފަސް ސަރަހައްދަކުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ފުރަތަމަ ބުރުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރި 31 ފަރާތައް ބިން ހަވާލު ކޮށް ބާކީ 62 ބިމަށް އަނެއްކާވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިބިންތައް ލިބުނު ފަރާތްތަކުން ދެކޭ ގޮތުގައި، މިއީ ސަރުކާރުން މިމަޝްރޫއަށް ވަރަށް ބޮޑު ލުއިތަކެއް ކުރިމަތިލާ ފަރާތްތަކަށް ވަނީ ދީފައެވެ. އެގޮތުން ބިމުގެ ކުލި ކުޑަ ކުރުމާއީ އަދި އިންވެސްޓަރުން ހޯދުމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނިމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ބައެއް ފަރާތްތަކުން ދޭކޭ ގޮތުގައި މިއީ އައްޑޫގެ ޒަމާންވީ ވަޒީފާގެ ބާޒާރަށް އައިސްފައިވާ ހީނަރުކަން ނިމުމަކަށް އައުން ކަމަށް ސިފަ ކުރެއެވެ. ގިނަ ފަރާތްތަކުން އުއްމީދުތައް ހުރީ އިންވެސްޓަރުންނާއި އެކު އަވަހަށް މަސައްކަތް ފަށާށެވެ.

އައްޑޫގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިތުރު 4000 އެނދު ތަރައްޤީ ކުރާނެ ގޮތްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މަރަދޫ ކައިރީ އޮތް ހަންކެޑެ އަދި ފޭދޫ ހުޅަނގު އުތުރުން އޮތް ސަވާހިލި ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަން ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން މިކަން ކުރުމަށްޓަކައި ސަވާހިލި ފަތުރުވެރިކަމަށް ހުޅުވާލުމަށް ސިޓީ ކައުންސިލުން ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ވަނީ ނިންމާފައެވެ. އަދި ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން ލިންކްރޯޑު އެއްބައި އޮތުމުން، އޭގެ ބަދަލުގެ ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމުގެ މަސައްކަތްކުރެވޭނެ ގޮތަށް މަގުހެދުމުގެ މަޝްރޫޢު ވަނީ ހަވާލު ކުރެވިފައެވެ. ހަންކެޑެ އަދި ސަވާހިލި، މިއިން ކޮންމެ ރަށެއްގައި 2000 އެނދު ތަރައްޤީ ކުރުމަށް ވަނީ ސަރުކާރުން ވަނީ ނިންމާފައެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ އެއްބަޔަކީ، ބޭނުންވާ އެނދުތައް ތަރައްޤީކުރުމެވެ. ނަމަވެސް ފަތުރުވެރިން ސީދާ އައްޑޫއަށް އައިސްގެން ނޫނީ މިކުރެވޭ މަސައްކަތުގެ ފޮނި މީރުކަން ނުލިބޭނެކަމަށް އައްޑޫގައި މިދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ފްލައިޓު މިހާރުވެސް ޖެއްސޭއިރު ބޮޑު ދެ ފްލައިޓަށް އެއްފަހަރާ ޙިދުމަތް ދިނުމަށް ބަލާއިރު ދަތިތަކެއް އެބަހުއްޓެވެ. ޓާމިނަލްގެ ޖާގައިގެ ދަތިކަމުގެ އިތުރުން ވަސީލަތްވެސް ތަރައްޤީކުރަން ޖެހެއެވެ.

މިކަމަށްޓަކާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން، މިމަސައްކަތް ކުރުމަށް ސަރުކާރުން އިއުލާންކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާ އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ކޮންސަލްޓެންޓުންވެސް ގަމަށް މިވަނީ ޒިޔާރާތް ކުރައްވާފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މިއަހަރު މިކަމުގެވެސް އަމަލީ މަސައްކަތް ފެށިގެން ދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯރޓުގައި އައު ޑޮމެސްޓިކް ޓަރމިނަލަކާއި، ކޮންޓްރޯލް ޓަވަރާއި، ފަޔަރ ސްޓޭޝަން ޢިމާރާތްކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ހުރި ޓަރމިނަލް އިންޓަރނޭޝަނަލް ޓަރމިނަލްގެ ގޮތުގައި ތަރައްޤީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައް ޤާއިމުކުރެވިގެން ދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވޭ މަސައްކަތް ކަމަށް ސަރުކާރުން ބުނެއެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުން ގިނަ ވަޒީފާ އުފެދި ސަރުކާރުން ދެކުނުގެ އިޤްތިޞާދީ ހަބަކަށް އައްޑޫ ހެދުމަށް ކުރަމުންދާ މަސައްކަތައްވެސް އިތުރު ބާރެއް ލިބިގެން ދެއެވެ. އައްޑޫސިޓީ ކައުންސިލުން އުއްމީދު ކުރަނީ މިމަޝްރޫޢުތަކާއެކު އައްޑޫގެ ޒުވާނުން އައްޑޫއަށް އަނބުރާ އައިސް ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރުމުގެ ތަނަވަސް ވެގެން ދާނެ ކަމަށެވެ.

އައްޑޫއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަަށް ބަލާއިރު ޤުދުރަތީ ގިނަ ވަސީލަތްތަކަށް ލިބިފައިވީނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފަތުރުވެރިކަން ފަށައިގަނެވިފައިނުވާ ތަނެކެވެ. މި ސިޓީ ޕްރޮމޯޓު ކުރުމަށް ތަފާތު ގިނަ މަސައްކަތް ކުރެވެމުންދާއިރު، މިހާރު ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްއަކަށްވުމާއި އަދި ސިޓީގައި ފަތުރުވެރިންނަށް އޮތް ފުރުސަތު ގިނަވެ، މިސިޓީގެ ރައްޔިތުން ބުނާ "ސަދަން ހާޓް އޮފް މޯލްޑިވްސް" އަށް އައްޑޫވުން އެއީ ދުރު ކަމެއް ނޫނެވެ. މިއީ އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ އުއްމީދުގައި ތިބި ރައްޔިތުން ޒަމާންވީ ހުވަފެން ހަގީގަތަކަށް ވުމެވެ.