ވިޔަފާރި

މެދުރާސްތާ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ފަށައިފި


2022އިިން 2024ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ފަށްޓަވައިފިއެވެ.

ކުރިއަށްއޮތް 3 އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން މިހާރުވަނީ ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުން ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް އެކުލަވާލައި މިނިސްޓްރީއަށް ހުށަހެޅުމަށް އަންގަވާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އައު ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާތީ ހުށަހަޅާ ކަންތައްތައްކަމަށެވެ. މިގޮތުން ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާ ކަންކަން ބަޖެޓުގައި ހިމެނުމާމެދު ގޮތެއް ނިންމާނީ ފިނޭންސް މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާ ކަންތައްތަކަކީ އެ ސިޔާސަތެއް ތަންފީޒުވުމުން ބަޖެޓުން ކުރެވޭ ހޭދައާ އެއްހަމަ ނަތީޖާއެއް ނެރެވޭ، އަދި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ކަންތައްތަކަކަށް ވާންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ.

ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، 2022އިން 2024އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަދި ޢާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ގޮތްތައް އަންނަ ޖޫންމަހުގެ 30ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ.

މީގެ އިތުރުން ބަޖެޓު ތައްޔާރުކުރުމުގެ އެހެން މަރުޙަލާތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ ބަޖެޓުން 2021ވަނަ އަހަރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން، އައިލްސް ޕޯޓަލްއާ ބަނޑޭރި ޕީ.އެސް.އައި.ޕީ ޕޯޓަލުގައި މަޢުލޫމާތު ފުރިހަމަ ނުކުރައްވައި ހުރި މަޝްރޫޢުތަކުގެ މައުލޫމާތު އަންނަ މޭމަހުގެ 15ވަނަ ދުވަހުގެ ކުރިން ފުރިހަމަކުރުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ލޯކަލް ކައުންސިލްތައް މި ސަރކިއުލަރއަށް ޢަމަލުކުރަން ނުޖެހޭނެކަމަށެވެ.