ޚަބަރު

2 ޑޯޒް ފުރިހަމަކުރާތާ 2 ހަފްތާފަހުން ރަށްރަށަށް ދަތުރުކުރުމަށް ހުރަހެއް ނޯންނާނެ: ރައީސް


ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 2 ހަފްތާ ވެފައިވާ ފަރާތްތަކަށް ރަށްރަށަށް ޒިޔާރަތްކުރުމަށް ހުރަހެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑާއި ގުޅިގެން މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖެ ފުރަބަންދަކަށް ދިޔައިރު، މިއަދު އެންމެންގެ އުއްމީދަކީވެސް އާއްމު ހާލަތަށް ކަންކަން ވީހާވެސް އަވަހަށް ރުޖޫޢަވުންކަމަށެވެ. އެހެންކަމުން ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރާތާ 2 ހަފްތާ ފަހުން ރަށްރަށަށް ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ރަށްރަށަށް ދިއުމަށް ލުއިތަކެއް ދޭން ނިންމާފައިވާއިރު، މިހާރު އޮންނަ ގޮތުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކޯވިޑްއަށް ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ އިތުރުން، 10 ދުވަހަށް ކަަރަންޓީންވާންޖެހެއެވެ.

ރާއްޖޭގައި ކޯވިޑްގެ ވެކްސިން 2 ޑޯޒްވެސް ދެމުންއަންނައިރު، މިހާތަނަށް ގާތްގަނޑަކަށް 29 ހާސް މީހުން ވަނީ ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ފުރަތަމަ ޑޯޒު ވަނީ ދެ ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފައެވެ.