ވިޔަފާރި

ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމުން ރިސޯޓް މުވައްޒަފުންނަށްވެސް އަމިއްލަ ރަށަށް ދަތުރުކުރެވޭނެ


ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމުން ރިސޯޓް މުވައްޒަފުންނަށްވެސް ކަރަންޓީން ވުމަކާއިނުލާ އަމިއްލަ ރަށަށް ދަތުރުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާފައިވާ ރިސޯޓް މުވައްޒަފުންނަށް 2 ވަނަ ޑޯޒް ޖެހިތާ 14 ދުވަސް ފަހުން ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދަތުރުކުރެވޭނެކަމަށެވެ. އަދި ރަށްރަށަށް ދަތުރުކުރެވޭނީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ނެގުމަށްޓަކައި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފްރަންޓްލައިން މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް %90 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ވަނީ ދީފައެވެ. ރިސޯޓް މުވައްޒަފުންނަށް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން 2 ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދަތުރުކުރެވޭގޮތް ހަދާފައިވާއިރު ރާއްޖެ އަންނަ ފަތުރުވެރިންވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާނަމަ ޕީސީއާރް ޓެސްޓު ނަތީޖާއެއް ހުށަހަޅަން ނުޖެހޭގޮތަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން އާބާދީގެ 60 އިންސައްތައަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާނަމަ އަދި އެރަށެއްގައި ބަލި އުޅޭ ނިސްބަތް 5 އިންސައްތަ އަށްވުރެ ދަށުގައި އުޅޭ ރަށްރަށުން ޕީސީއާރް ޓެސްޓުކުރުމެއްނެތި ދަތުރުކުރެވޭނެއެވެ. އެހެންނަމަވެސް އެރަށެއްގައި ބައްޔަށް ޕޮޒިޓިވްވާ ނިސްބަތް 5 އިންސައްތަ އަށްވުރެ މަތީގައި އުޅޭ ރަށްރަށުން އެނޫން ރަށަކަށް ދާނަމަ ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކުގައިކަމަށް ވަނީ މިއުސޫލުގައި ކަނޑައަޅާފައެވެ.