ޚަބަރު

ކުރީގެ ރައީސުން ގެ އިނާޔަތަށް 10.3 މިލިޔަން ރުފިޔާގެ ބަޖެޓެއް!


ރައީސުލްޖުމުހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ޢިނާޔަތާއި، އޮފީސް ހިންގެވުމާއި ބޭސްފަރުވާ ކުރެއްވުމަށް ދިހައެއް ޕޮއިންޓް ތިނެއް މިލިޔަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވައިފިއެވެ.ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ދައުލަތުގެ ބަޖެޓުގައި ޚާއްޞަ ބަޖެޓް ތަފްޞީލުގައިވާ ގޮތުން ކުރީގެ ރައީސުންގެ މުސާރައާއި ޢިނާޔަތްތަކަށް ތިނެއް ޕޮއިންޓް ތިނެއް މިލިޔަން ރުފިޔާ ހިމަނުއްވާފައިވެއެވެ. އަދި ރައީސްކަން ކުރެއްވި ބޭފުޅުން އޮފީސް ހިންގެވުމާއި ބޭސްފަރުވާކުރެއްވުމަށް ހަތެއް ޕޮއިންޓް ތިނެއް މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވެއެވެ.ބަޖެޓްގައި ވާ ގޮތުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް މާލީ ޢިނާޔަތުގެ ގޮތުގައި މަހަކު ހަތްދިހަ ފަސްހާސް ރުފިޔާ އެރުއްވުމަށް ވަނީ ކަނޑައަޅާފައިވެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މާލީ ޢިނާޔަތުގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ކަނޑައަޅުއްވާފައިވޭ. ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މާލީ ޢިނާޔަތުގެ ގޮތުގައި އެއްވެސް އަދަދެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. މީގެއިތުރުން ކުރީގެ ތިން ރައީސުން ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސެވުމަށް ކޮންމެ ބޭފުޅަކަށް ފަންސާސް ހާސް ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ. އަދި ތިން ރައީސުންނަށްވެސް އޮފީސް ހިންގެވުމުގެ ޚަރަދުގެ ގޮތުގައި ކޮންމެ ބޭފުޅަކަށް ސަތޭކަ ހަތްދިހަ ފަސްހާސް ރުފިޔާވެސް އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވައި، މަޖިލީހަށް ހުށައެޅުއްވި ބަޖެޓްގައި ހިމަނާފައިވެއެވެ. މީގެއިތުރުން ތިން ރައީސުން ބޭސްފަރުވާކުރެއްވުމަށް ޖުމްލަ އެއްމިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވެއެވެ.