ވިޔަފާރި

ކޯލް ސެންޓަރު ބަންދު، ބޭހަށާއި އަމިއްލަ ޤައުމަށްދާން ޓިކެޓް ލިބޭނެ


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޙިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އެ ކުންފުނިން ބުނީ ކޯލް ސެންޓަރުން ޙިދުމަތް މެދުކަނޑާލާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މިދުވަސްވަރު ދަތުރުފަތުރުކުރުންތައް މަދުވެފައިވުމުން ކަމަށެވެ.

މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވަމުން އައީ ބަންގްލަދޭޝް އަދި އިންޑިއާއަށެވެ. އެހެން ނަމަވެސް ދެކުނު އޭޝިއާ ސަރަޙައްދުން ކޯވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވުމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި ސަރަޙައްދުގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުންވަނީ މަނާކޮށްފައެވެ.

މޯލްޑިއަނުން ބުނީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުން އަނބުރާ ޤައުމަށްދާން ބޭނުންވާ މީހުންނަށާއި ބޭސް ފަރުވާއަށް އިންޑިއާއަށް ދާން އެދޭ މީހުންނަށް އެކުންފުނިން ދަތުރުތައް ބާއްވާނެ ކަމަށެވެ.

މޯލްޑިވިއަންގެ ޓިކެޓް ގަތުމަށް ގިނަ ބަޔަކު ބޭނުންކުރާ އެއް ވަސީލަތަކީ އެކުންފުނީގެ ކޯލް ސެންޓަރެވެ. އެހެންނަމަވެސް މި ސެންޓަރުގެ އިތުރުން ޓިކެޓް ގަތުމަށް ޙާއްސަ އެޕެއް އެ ކުންފުނިން ވަނީ ތައާރަފުކޮށްފައެވެ. އަދި އެޕް މެދުވެރިކޮށް ޓިކެޓް ގަންނަ މީހުން އިތުރުވަމުން އަންނަކަން އެކުންފުނިން ފާހަގަކުރެއެވެ.

މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޙިދުމަތް މެދުކަނޑާލާފައިވީ ނަމަވެސް، އީމެއިލް މެދުވެރިކޮށާއި، އެ އެއަރލައިންގެ ވައިބަރ ޕްލެޓް ފޯމުންވެސް ޓިކެޓް ގަނެވޭނެއެވެ. އަދި މޯލްޑިވިއަންގެ އެޖެންޓުން މެދުވެރިކޮށްވެސް ޓިކެޓް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވައިބަރ ޕްލެޓް ފޯމާއި އީމެއިލް މެދުވެރިކޮށް ޓިކެޓް ގަތުމުގެ ޙިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އަކުން މެންދުރުފަހު 14:00 އަށް ލިބޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެތެރޭގެ އުދުހުންތައް ބާއްވަނީ މޯލްޑިވިއަނުންނެވެ. އެގޮތުން މޯލްޑިވިއަނުން ދަނީ މާލެ ހިމެނޭހެން ރާއްޖޭގެ 16 އެއަރޕޯޓަކަށް ދަތުރުތައް ބާއްވަމުންނެވެ. މޯލްޑިވިއަނުން ވަނީ އެކުންފުނީގެ 21 ވަނަ އަހަރީދުވަސް މިދިޔަ މަހުގެ 13 ވަނަދުވަހު ފާހަގަކޮށްފައެވެ. 2000 ވަނަ އަހަރު އުފެދުނު އައިލެންޑް އޭވިއޭޝަންގެ ދަށުން އުދުހޭ ފްލައިޓްތަކުގެ ނަން މޯލްޑިވިއަނަށް ބަދަލުކުރީ 2008 ވަނައަހަރުގެ ތެރޭގައެވެ. މި ކުންފުނިން ވަނީ މިިދިޔަ 21 އަހަރުދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.