ޚަބަރު

ޓޫރިސްޓް ވިސާގައި ލަންކާއަށް އެތެރެވި މީހުންނަށް 60 ދުވަހުގެ ވިސާ ދެނީ


ލަންކާއަށް ޓޫރިސްޓް ވިސާގައި މިވަގުތު އެތެރެވެފައި ތިބި މީހުންނަށް 60 ދުވަހުގެ ވިސާ ދިނުމަށް އެޤައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ނިންމައިފިއެވެ.

ލަންކާގެ އިމިގްރޭޝަނުގެ މި ނިންމުމާއެކު، ޓޫރިސްޓް ވިސާގައި ލަންކާގައި މިވަގުތު ތިބި ދިވެހިންނަށްވެސް މި ފުރުޞަތުގެ ދަށުން ވިސާގެ މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ލަންކާގެ އިމިގްރޭޝަނާ ހަވާލާދީ އެގައުމުގެ މީޑިޔާ ތަކުން ބުނެފައި ވަނީ މި ފުރުޞަތު އޮންނާނީ މިމަހުގެ 11 ވަނަދުވަހުން ފެށިގެން އަންނަ ޖުލައިމަހުގެ 9 ވަނަދުވަހުގެ ނިޔަލަށެވެ. މިމުއްދަތުގެ ތެރޭގައި ވިސާ ހަމަވާ ފަރާތްތަކަށް ދައްކަން ޖެހޭނީ ހަމައެކަނި ވީސާ ފީއެވެ. ވިސާގެ މުއްދަތަށްވުރެ ގިނަދުވަހު ސްރީލަންކާގައި ހުރުމުން ދައްކަންޖެހޭ ޖޫރިމަނާ ދައްކާކަށް ނުޖެހޭނެއެވެ.

ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން https://eservices.immigration.gov.lk/vs ލިންކުން އޮންލައިންކޮށް ވިސާ ފީ ދެއްކުމުން ވިސާގެ މުއްދަތު އިތުރު ކޮށްދޭނެ ކަމަށްވެސް ލަންކާ އިމިގްރޭޝަނުން ބުނެއެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން ފުރާ ފަރާތްތަކަށް އެއާޕޯޓުން ވިސާފީ ދެއްކޭނެ ކަމަށާއި އޭގެއިތުރަށް އިމިގްރޭޝަންގެ ހެޑް އޮފީސް އާއްމުކޮށް ހުޅުވާފައި ހުންނަ ދުވަހެއްގައި ހެޑް އޮފީހުންވެސް ވިސާ އިތުރު ކޮށްދިނުމުގެ ޚިދުމަތް ލިބޭނެ ކަމަށް ލަންކާ އިމިގްރޭޝަނުން ބުނެއެވެ.

ކޮލޮމްބޯގައި ކޯވިޑްގެ ހާލަތު ހުރިގޮތުން އިމްގްރޭޝަންގެ މައި އޮފީސް މިހާރު ހުޅުވަނީ ހަމައެކަނި އިމަރޖެންސީ ހާލަތުގައި ޕާސްޕޯޓް ދޫކުރަން އެކަނި ކަމަށާއި އެހެން ނަމަވެސް ލަންކާގެ އެކި ސަރަޙައްދު ތަކުގައި ހުރި އޮފީސް ތަކުން ކުރިއެކޭވެސް އެއްގޮތަށް ޚިދުމަތްތައް ލިބެމުންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކޯވިޑްގެ ޙާލަތު އިތުރަށް ގޯސްވުމާއެކު ސްރީލަންކާ ސަރުކާރުން މިހާރު ވަނީ އެ ގައުމަށް ދަތުރުފަތުރު ކުރުމުގެ އުސޫލަށްވެސް ބަދަލު ގެނެސް އިތުރަށް ވަރުގަދަ ކޮށްފައެވެ. މި ބަދަލުތަކުގެ ތެރޭގައި ކޯވިޑް 19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނަށް ދީފައިވާ ލުއިތައް އަނބުރާ ގެނައުމާއި، އަމިއްލަ ގޭގައި ކަރަންޓީން ވުމަށް އޮތް ފުރުޞަތުތައް ބަންދު ކުރުމާއި ޓޫރިސްޓުންގެ ގޮތުގައި ލަންކާއަށް ޒިޔާރަތް ކުރުމަށް ކުރިން ހުރި ފުރުޞަތުތައް ކުޑަ ކުރުމެވެ.

އަލަށް ގެނައި ބަދަލާއިއެކު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި ލަންކާގެ ރައްޔިތުންނާއި، އެހެނިހެން ޤައުމުތަކުގެ ރައްޔިތުންވެސް ކަރަންޓީން ހޮޓަލެއްގައި ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް ވަންދެން ކަރަންޓީންވުން މަޖުބޫރުވާނެއެވެ. މީގެއިތުރުން ކުރިޔެކޭވެސް އެއްގޮތަށް 2 އަހަރުން މަތީގެ ހުރިހާ މީހުންވެސް ލަންކާއަށް އަންނަ ދުވަހާއި އަދި 11 ވަނަ ދުވަހާ 14 ވަނަ ދުވަހު ދޭތެރޭ ޕީ.ސީ.އާރު. ޓެސްޓް ހަދަން ޖެހޭނެއެވެ.

ކަރަންޓީނުން ދޫކޮށްލާނީ އެ ދެ ޓެސްޓްވެސް ނެގެޓިވް ވުމުންނެވެ. މީގެއިތުރުން ކޮންޓެކްޓް ވެފައިވާ ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ކަރަންޓީންގެ މުއްދަތު އިތުރު ކުރާނެއެވެ. އާ ފިޔަވަޅުތައް މިމަހުގެ ނިޔަލަށް ދަމަހައްޓާނެ ކަމަށްވެސް ސްރީލަންކާ ސަރުކާރުން ބުނެއެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތަފާތު ބޭނުން ތަކަށް ގޮސްއުޅޭ ގައުމެކެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅުންވެސް ބަދަލު ކޮށްފައިވާ ރާއްޖެއާ އެންމެ އަވަހައްޓެރި ގައުމެވެ. މިވަގުތުވެސް އެ ޤައުމުގައި 15،000 ވުރެ ގިނަ ދިވެހިން އަންނަނީ އެކި ބޭނުންތަކަށް އުޅެމުންނެވެ.