ޚަބަރު

ނަރުހުން މަދު، ގިނަ އަދަދެއްގެ މީހުން އެޑްމިޓްކުރަން ޖެހޭތީ ލަސްތަކެއް އެބަހުރި - އެޗްއާރުސީއެމް


ހުޅުމާލޭ މެޑިކަލް ފެސިލީޓިގައި ތިބި ނަރުހުންގެ އަދަދު މަދުވުމުން އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެކޮމިޝަނުގެ ސަމާލުކަމަށް އައުމުން ކޮމިޝަންގެ ޓީމެއް އެތަނަށް ޒިޔާރަތްކޮށްފައިވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް ބަލީގެ މީހުން ގިނަވެ ފެސިލީޓިގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ކޯވިޑަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިން މަދުވެ އެމަސައްކަތުގައި އެހީތެރިވެދޭނެ ވޮލަންޓިއަރުން ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ. އަދި އެތަނަށް ބޭނުންވާ އިތުރު ނަރުހުން ހޯދުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ނަރުސްކަން ކިޔަވަމުން އަންނަ 144 ދަރިވަރަކާއި ވާހަކަދައްކަމުން އަންކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކުރުމަށްފަހު އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެތަނުގައި އެޑްމިޓްކުރާ މީހުންނަށް ފަރުވާ ދިނުމާއި އެހެނިހެން ބައެއް ކަންކަމުގައި ރާވާފައިވާ އިންތިޒާމުތައް ރަނގަޅުކަމަށެވެ. އެހެންމަވެސް ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިގޮތުން އެޑްމިޓްކުރާ މީހުންނަށް އާއިލާތަކުން ފޮނުވާ ކާތަކެތި ހަވާލުވުމަށްފަހު އެތަކެތި އެކަމަށް ހާއްސަ ވޯޑްތަކަށް ގެންދެވޭކަމަށާއި އެހެންނަމަވެސް ނަރުހުންނާއި އެޓެންޑެންޓުން މަދުވުމުން އެމީހުންގެ މަސައްކަތްތައް ހުންނަގޮތުން ބަލިމީހާއަށް މިތަކެތި ލިބުމުގައި ލަސްތަކެއް ދިމާވާކަމަށެވެ. ފެސިލިޓީގައި ފަރުވާ ހޯދާ މީހުންނަށް ކޮންމެ ގަޑިއަކަށް ބޭނުންވާ ކެއުން އޯޑަރުކުރާނީ ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު ޑައެޓީޝަނުންގެ ލަފާގެ މަތިންކަން އެޗްއާރުސީއެމްގެ ރިޕޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ބައެއް ފަހަރު މިތަކެތި ފޯރުކޮށްދިނުމުގައި ބަލި މީހާގެ ޙާލަތަށް އެންމެ އެކަށީގެން ނުވާ ތަކެތި ލިބޭކަންވެސް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ފެސިލީޓީގައި އަމިއްލަ ހާލައިގެން ނޫޅެވޭ ބަލި މީހުން އެޑްމިޓްކޮށްފައިވާއިރު އެމީހުންނަށް އާއިލާތަކުން ކަނޑައަޅާފައިވާ އެހީތެރިން ތިބުމުގެ ފުރުސަތު ފެސިލިޓީން ދީފައިވާކަންވެސް އެޗްއާރުސީއެމްގެ ރިޕޯޓްގައިވެއެވެ. އަދި މިގޮތަށް ގިނަ އަދަދެއްގެ އެހީތެރިން ތިބުމުން ޖާގައިގެ ދަތިކަން ދިމާވަމުން އަންނަކަންވެސް އެޗްއާރުސީއެމްގެ ރިޕޯޓްގައިވެއެވެ. އެޑްމިޓްކުރާ މީހުންގެ އައިލާތަކަށް ބަލިމީހާގެ މައުލޫމާތު ހިއްސާކުރުމަށް އައިލާއިން ގުޅޭނެ ނަމްބަރުތައް ނަގާ އެކަން ކުރެވޭނެ އިންތިޒާމު ފެސިލީޓިގައި ހަމަޖައްސާފައިވީނަމަވެސް ބައެއް ފަހަރު ވޯޑްތަކުން މައުލޫމާތު ލިބުން ލަސްކަންވެސް އެޗްއާރުސީއެމްގެ ރިޕޯޓްގައިވެއެވެ.

ފެސިލިޓީގައި މަސައްކަތް ކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު އެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮމިޝަންގެ ރިޕޯޓްގައި ގޮވާލާފައިވެއެވެ. އަދި ބައެއް މުވައްޒަފުންނަށް ބަންދެއް ނެތި 12 ގަޑިއިރު މަސައްކަތް ކުރާކަމަށާއި އެ މުވައްޒަފުންނަށް މުސާރަ ލިބުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާތީ އެ މައްސަލަ ވަކިން ބަލަމުން އަންނަކަންވެސް ކޮމިޝަންގެ ރިޕޯޓްގައިވެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު އެތަނުގައި މަސައްކަތް ކުރީ 19 ޑޮކްޓަރުންނެވެ. އެހެންނަމަވެސް މިހާރު އެތަނުގައި 34 ޑޮކްޓާރުންނާއި 116 ނަރުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ތަނުގައި މަސައްކަތް ކުރާ ނަރުހުންގެ މަސައްކަތްތައް ބަހާލާފައިވަނީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް އިސްކަންދީގެންކަން އެ ފެސިލިޓީ ހިންގުމާ ހަވާލުވެ ހުންނެވި މާރިޔާ ސައީދު ވަނީ ވިދާޅުވެފައެވެ.