ޚަބަރު

ކޯވިޑް-19 : މިއަދުގެ ދެވަނަ މަރު، ޖުމްލަ އަދަދު 160އަށް


ކޯވިޑް-19ގައ އިތުރު ދިވެއްސަކު ނިޔާވެއްޖެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ހަވީރު 3.39 ހާއިރު ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިއަދު ހެނދުނު ނިޔާވެފައިވަނީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ.

މިބަލީގައި މިއަދު ނިޔާވި ދެ މީހުންނާއެކު މިހާތަނަށް ރާއްޖެއިން 160 މީހަކުވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ އަންގަވާފައެވެ.