ވިޔަފާރި

ރާއްޖެއަށް އިންވެސްޓަރުން އިތުރުކުރުމަށް ބޭރުގެ އެމްބަސީތަކާއި ގުޅިގެން ޚާއްސަ ވެބިނަރތަކެއް


ރާއްޖެއަށް އިންވެސްޓަރުން އިތުރުކުރުމަށް އެމްބަސީތަކާއި ގުޅިގެން އިންވެސްޓްމަންޓް ވެބިނަރތަކެއް ކުރިއަށްގެންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޕްލޭނިންގ ސެކްޝަންގެ ޑިރެކްޓަރ އަލީ ޝިނާން ވިދާޅުވީ، ކޯވިޑަށްފަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ކުރިއަށްގެންދަމުންދާކަމަށެވެ.

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ފޮރިން މިނިސްޓްރީއާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހުރި އެމްބަސީތަކާއި ގުޅިގެން އެ ޤައުމުތަކުގައި އިންވެސްޓްމަންޓް ވެބިނަރތަކެއް ކުރިއަށްގެންދަމުންދާކަމަށް ޝިނާން ވިދާޅުވިއެވެ. މިހާރު މި ވެބިނަރތައް ޖަރުމަނާއި، ދުބާއީއާއި، ޖަޕާނުގައި ކުރިއަށް ގެންގޮސްފައިވާކަމަށް އަލީ ޝިނާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންވެސްޓްމަންޓް ތަފާތު އެކި ވެބިނަރތައްވެސް އެބަ ކުރިއަށްގެންދަން. ފޮރިން މިނިސްޓްރީއާއި ގުޅިގެން ރާއްޖޭގެ އެމްބަސީތަކާއި ގުޅިގެން އެކިއެކި ވެބިނަރތައް ކުރިއަށްގެންގޮސްފައި. ޖަރމަން ވެބިނަރއެއް ކުރިއަށްގެންގޮސްފިން. ދުބާއީ ވެބިނަރއަކާއި ޖަޕާންގައި ވެބިނަރއެއް. މި ވެބިނަރތަކުގައި އަޅުގަނޑުމެން ވާނީ ޓޫރިޒަމް ރިކަވަރީ މަސައްކަތްތައް ބޭރުގެ ޓުއަރ އޮޕަރޭޓާރސް ޓުރެވެލް އެޖެންޓްސްއާއި ހިއްސާކުރެވި އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ވާހަކަވެސް ބޭރުގެ ފަރާތްތަކާއި އެރުވިފައި" އަލީ ޝިނާން ވިދާޅުވިއެވެ.

އަލީ ޝިނާން ވިދާޅުވީ، މިމަހުގެ ތެރޭގައިވެސް އިތުރު 2 އިންވެސްޓްމަންޓް ވެބިނަރ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ސިންގަޕޫރާއި ބެލްޖިއަމްއެވެ. މި 2 ވެބިނަރވެސް ކުރިއަށްގެންދަނީ އެ ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީއާއި ގުޅިގެންނެވެ. މި ވެބިނަރތަކުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ފަތުރުވެރިކަން ރިކަވަރކުރުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ބުނެދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ 16 ބިމަކާއި ރަށެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހުޅުވާވެސްލާފައެވެ.