ޚަބަރު

ސިއްޚީ ޚިދުމަތްދޭ ތަންތަން ވަކި މުއައްސަސާއަކަށް، ހެލްތުން ކުރާނީ ރެގިއުލޭޓް: މިނިސްޓަރ


ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތް ރަނގަޅު ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށްޓަކާ މޯލްޑިވްސް ހެލްތު ސަރވިސްގެ ނަމުގައި ޚާއްސަ އިންސްޓިޓިއުޝަނެއް އުފައްދަވާ މިއިންސްޓިޓުޓް އަންނަ ޖުލައި މަހުގެ ތެރޭގައި އިފްތިތާޙްކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތާއި، ޚިދުމަތް ދެމުންދާ ގޮތް ބަލާ ރެގިއުލޭޓްކުރާ ސަރުކާރުގެ މުއައްސަސާއަކީ ހެލްތު މިނިސްޓްރީގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ސިއްޙީ ޚިދުމަތްދޭ ހުރިހާ އިދާރާއެއް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަންވަނީ ހާމަކުރައްވާފައެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ސިއްޙީ ޚިދުމަތްދެމުން ގެންދާނީ މޯލްޑިވްސް ހެލްތު ސަރވިސްގެ ދަށުން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ޚިދުމަތްދޭ ފަރާތާއި ރެގިއުލޭޓްކުރާ ފަރާތަކީ އެއް އިދާރާއަކަށްވުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އަލަށް އެކުލަވާލެވޭ ހެލްތު ސަރވިސްއާއެކު ހެލްތު މިނިސްޓްރީގެ މައިގަނޑު މަސައްކަތަކީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ދޭ ޚިދުމަތްތައް ރެގިއުލޭޓްކޮށް ކޮލިޓީ ކޮންޓްރޯލްކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 96 އެމްބިއުލާންސް ގަތުމަށް މިހާރުވަނީ އެސްޓީއޯއާއެކު އެއްބަސްވެފައެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖެއަށް އިތުރު 10 އެމްބިއުލާންސް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު ސީ އެމްބިއުލާންސް ހޯދުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ 15 ސީއެމްބިއުލާންސް ސަރުކާރުން ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި އިތުރު 9 ސީއެމްބިއުލާންސް ޖަޕާނު ސަރުކާރުން ދިނުމަށް ނިންމާފައިވާކަމަށެވެ.

މިވަގުތު މާލޭގައި އިމަރޖެންސީ މެޑިކަލް ސަރވިސްގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް އަންނަނީ ދެމުންނެވެ. މިޚިދުމަތް ފުޅާކޮށް އަތޮޅުތެރޭގައިވެސް ކުއްލި ފަރުވާގެ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރަމުންނެވެ. މިޚިދުމަތް ހަރުދަނާކޮށް އީއެމްއެސް މެދުވެރިކޮށް އެމްބިއުލާންސް ހޯދުމަށް 100 އަށް ގުޅުމުން ޚިދުމަތް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.