އާދިއްތަ ދުވަހުން ފެށިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގޮސްގެން އެތަނުގެ ޚިދުމަތް ހޯދޭގޮތަށް އުސޫލު ބަދަލުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އޭއީއެޗް އިން ވިދާޅުވީ ހޮސްޕިޓަލަށް ގޮސްގެން ޚިދުމަތް ހޯދުން މެދުކަނޑާލީ ކޯވިޑް-19ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ ޑޮކްޓަރަށް ދެއްކުމުގައި ޢަމަލުކުރާނީ ކުރިންވެސް އޮތް އުސޫލުގެ ދަށުންކަމަށެވެ. އެގޮތުން އެޕޮއިންޓްމަންޓް އުސޫލުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށާއި މިފަހަރު އެޕޮއިންޓްމަންޓް ދޫކުރާނީ ވަކި ގަޑިތަކެއްގައިކަމަށެވެ. އެގޮތުން އެޕޮއިންޓްމަންޓް ހޯދުމަށް ގުޅާ ހަމަޖެއްސުމުން މެމޯ ނަމްބަރާއި ޑޮކްޓަރަށް ދައްކަންދާންޖެހޭ ގަޑި އެސްއެމްއެސްއަކުން އެމީހަކަށް އަންގާނެކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
އައްޑޫގައި މިވަގުތުވެސް ހިތަދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާއިރު އެއްތަނަކަށް މީހުން އެއްވުން ވީހާވެސް ބޮޑަށް މަދުކުރުމަށްޓަކާ ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އެޕޮއިންޓްމަންޓް ގަޑިއަށް ސަމާލުވުމަށް އެހޮސްޕިޓަލުން އިލްތިމާސްކުރައްވައެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކު ރަނގަޅަށް އެޅުމަށާއި ގައިދުރުކަން އިސްކޮށް ރައްކާތެރިކަމަށް ސަމާލުވުމަށް އޭއީއެޗްއިން އިލްތިމާސްކުރައްވައެވެ.
ކޯވިޑްގެ ކެސްތައް ފެންނަ މިންވަރު އިތުރުވެ މުޖުތަމަޢުން ބަލި ފެންނަން ފެށުމާއި ގުޅިގެން އައްޑޫ ސިޓީގައިވަނީ ފިޔަވަޅުތައް އަޅާފައެވެ. މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް އެސިޓީއިން 470 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނާތީ އެއްރަށުން އަނެއް ރަށަށް ދިޔުން ހުއްޓުވާފައިވާއިރު އެސިޓީގައިވަނީ ކަރފިއުވެސް ޢިއުލާންކޮށްފައެވެ. އެހެންނަމަވެސް މިހާރު ކޭސްތައް ފެނުން ހުއްޓުމާއި ގުޅިގެން ގުޅިފައިވާ ރަށްތަކުގެތެރެއިން ހިތަދޫ ފިޔަވާ އެހެން ރަށްތައް ވަނީ އެޗްޕީއޭގެ އުސޫލުގެ މަތިން ހުޅުވާލާފައެވެ.