ޚަބަރު

މާލެ ސަރަޙައްދުން ކޯވިޑަށް އަލަށް ޕޮޒިޓިވްވީ 11 މީހުން


މިއަހަރުގެ މިހާތަނަށް އައިއިރު މާލެ ސަރަޙައްދުން އެންމެ މަދުން ކޯވިޑް-19އަށް، މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއިން ކޯވިޑަށް ޕޮޒިޓިވްވީ 11 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް އަލަށް ޕޮޒިޓިވްވި 150 މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ ޢަދަދު 74،224އަށް ވަނީ އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ވެފައިވަނީ މިއަހަރުގެ މިހާތަނަށް އައިއިރު މާލެ ސަރަޙައްދުން ބައްޔަށް ހުށަހެޅުނު މީހުން އެންމެ މަދުން ރިކޯޑުކުރެވުނު ދުވަހަށެވެ. އެގޮތުން މާލެ ސަރަޙައްދުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 95 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 17 މީހަކާއި ހަދަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 20 މީހެކެވެ. އެޗްޕީއޭއިން ވިދާޅުވީ ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 20 މީހުންނަކީ ގއ.ކޫއްޑޫއިން ޕޮޒިޓިވްވީ މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު މިވަގުތު 3276 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 20 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ބަލިން ރަނގަޅުވި 233 މީހުންނާއެކު މިހާތަނަށް ޖުމުލަ 70،723 މީހަކުވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5،266 ސާމްޕަލްވަނީ ޓެސްޓުކޮށްފައެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހަކުވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 194 ދިވެހިންނާއި 19 ބިދޭސީންނެވެ.