ޚަބަރު

މިސަރުކާރު ދެމިއޮތްހާ ހިނދަކު މިނިވަންކަމަށް ބުރޫއަރުވަން ފުރުސަތެއް ނުދޭނެ: ހޯމް މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ދެމިއޮތްހާ ހިނދަކު ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
56ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، މިނިވަންކަމަކީ ވަރަށް ބޮޑު އަމާނާތެއްކަމަށެވެ.

މިނިވަންކަމަކީ އަންނަން އޮތް ޖީލުތަކަށް ރައްދުކުރުމަށް އިސްވެދިޔަ ކާބަފައިން މިއަދުގެ ޖީލަށް ހަވާލުކޮށްފައިވާ ވަރަށްބޮޑު އަމާނާތެއް ކަމަށާއި، ކާބަފައިން ހަވާލުކޮށްފައިވާ މި އަމާނާތާމެދު ކަންކުރާގޮތް ވަޒަންކުރާނީ އަންނަން އޮތް ޖީލުތަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ހައްޤުގޮތުގައި ވާޞިލުކޮށްދިނުމަށް އަދާކުރަންޖެހޭ ފުރިހަމަ ޒިންމާއާ މަސްޢޫލިއްޔަތު އަދާކުރުމަކީ މިޖީލުގެ އެންމެ ބޮޑު އެއް ޒިންމާކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތުގެ އަސާސަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި ރީތި ދިވެހި ޢަދަތަކާއި އަޚުލާޤާއި ޞަޤާފަތްކަމަށާއި، މިނިވަންކަން ހިމާޔަތްކުރެވޭނީ އެ އަޞާސްތައް ޙިމާޔަތްކޮށްގެންކަން ފާހަގަކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އަދުގެ ސަރުކާރު ދެމި އޮންނާނީ އެ ޢަސާސްތައް ޙިމާޔަތްކުރުމުގައިކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކުރުމުގައި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސަލާމަތްކަން ކަށަވަރުކުރުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި، މިނިވަންކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް. އާދެ މި ސަރުކާރު ދެމިއޮތްހާ ހިނދަކު މާތްﷲގެ ރަޙްމަތާއެކުގައި މިއިން އެއްވެސް ކަމަކަށް ބުރުއަރާކަށް ފުރުސަތެއް ނުދޭނެ. އާދެ މި މަސައްކަތުގައި ބޭރުގެ ފަރާތަކުންވިއަސް އަދި އެތެރޭގެ ބާރުތަކުންވިއަސް މިކަމަށް ބުރޫއަރާގޮތަށް ކުރެވޭ ކޮންމެ މަސައްކަތެއް މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުވާނަން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރވަނީ ކޯވިޑްގެ ސަބަބުން، މިނިވަންދުވަސް ފާހަގަކުރުމަށް ރާއްޖޭގައި އާންމުކޮށް ހިންގާ ހަރަކާތްތައް ނުހިންގޭތީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރަނީ "މިނިވަންއުފާ މުޅި ރާއްޖެއިން" މިނަމުގައި ގެނެސްދޭ ޝޯގެތެރޭގައި ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިޝޯ ކުރިއަށްދަނީ ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްއިންނެވެ.
ހޯމް މިނިސްޓްރީއާ ޕީއެސްއެމްއާ ސަރުކާރުގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ރަށްރަށުންވެސް ބައިވެރިވާއިރު 18 ގަޑިއިރުވަންދެން ދިގު ހަރަކާތެއް ކުރިއަށްގެންދާކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.

މިއީ ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދީ މިނިވަންކަންމަތީ ސާބިތުވެތިބިކަން ހާމަކޮށްދިނުމަށް މުޅި ރާއްޖެއިން ގެނެސްދޭ ހަރަކާތެއްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.