ކޯވިޑް-19

ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ތެރެއިން ވެކްސިން ކަވަރޭޖް އެންމެ ބޮޑީ ރަސްދޫގައި


ރާއްޖޭގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގާ ރަށްރަށުގެ ތެރެއިން ކޯވިޑުން ދިފާޢުވުމުގެ ވެކްސިން ފުރިހަމަކުރި އާބާދީ އެންމެ ބޮޑީ އއ. ރަސްދޫގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. އެ އެޖެންސީން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރަސްދޫގެ އާބާދީގެ 79 އިންސައްތަ މީހުން ވަނީ ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ހިންގާ ރަށްރަށުގެ ތެރެއިން ކޯވިޑް ވެކްސިން ޕްރޮގްރާމް އެންމެ ކާމިޔާބުކަމާއެކު ހިންގަމުންދަނީ އއ. އަތޮޅާއި އދ އަތޮޅުގެ ރަށްރަށުގައެވެ. މި ދެ އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގަމުންދާ ދެ އަތޮޅުވެސްމެއެވެ.

ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ވެކްސިން ކަވަރޭޖަށް ބަލާލާއިރު، ރަސްދޫގައި ދިރިއުޅޭ 823 މީހުންގެ ތެރެއިން 647 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެއީ ނިސްބަތުން ބަލާނަމަ 79 އިންސައްތައެވެ. އަދި އެ ރަށުގެ 65 އަހަރުން މަތީގެ އާބާދީގެ 99 އިންސައްތަ މީހުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 96 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ކޯވިޑް ވެކްސިން ކަވަރޭޖް ދެން އެންމެ ބޮޑީ އއ. އުކުޅަހާއި އދ. ހަންޏާމީދޫގައެވެ. މި ދެ ރަށުންވެސް 74 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި 65 އަހަރުން މަތީގެ 100 އިންސައްތަ މީހުން މި ދެ ރަށުންވެސް ވެކްސިން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އުކުޅަހުން 96 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު ހަންޏާމީދޫގައިވެސް މި އަދަދު އުޅެނީ 100 އިންސައްތައިގައެވެ.

މާލެ އަތޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގާ ރަށްރަށުގެ ތެރެއިން ވެކްސިން ކަވަރޭޖް އެންމެ މަތީގައި އުޅެނީ މާފުށީގައެވެ. އެގޮތުން މާފުށީގެ އާބާދީގެ 60 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ. އަދި 65 އަހަރުން މަތީގެ 98 އިންސައްތަ މީހުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 96 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވެއެވެ.