ޚަބަރު

ހަފްތާއެއްހާ ދުވަސްފަހުން ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު 100އިން ދަށަށް


ހަފްތާއެއްހާ ދުވަސްފަހުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު 100 އިން ދަށަށް ގޮސްފިއެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅުނީ ސަތޭކައިން މަތީގައިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 86 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 31 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވީ 37 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 18 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 77،633އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވިނަމަވެސް މިހާރުވަނީ އަދަދުތައް ދަށްވާން ފަށާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި2472 މީހުން މިހާރު އަންނަނީ ބަލީގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 19 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 170 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 74،928 އަށް އަރާފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5653 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ވަނީ ނިޔާވެފައެވެ.