ޚަބަރު

ނޫމަޑި މައްސަލައިގައި ވަކީލަކު ހަމަޖައްސަން ޑރ. މުޢިއްޒަށް 10ދުވަސް ދީފި


ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދިން މައްސަލައިގައި ދިފާޢީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން ފުރުސަތުދީފިއެވެ.

ނޫމަޑި މައްސަލައިގައި ދޮގު ބަޔާންދިނުމުގެ ދަޢުވާގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، މި މައްސަލައިގައި މުޢިއްޒުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލައިގެ ލިޔުންތައް ލިބިވަޑައިގެންފައިވޭތޯ ޤާޟީ އެއްސެވުމުން ޑރ. މުއިއްޒުވަނީ އެއަށް ޖަވާބެއް އެރުވޭނީ ޤާނޫނީ ވަކީލެއް އައްޔަންކުރެވިގެންކަމަށާއި، ވަކީލަކު ހޯދަން ޤާނޫނުގައި ބުނާ އެންމެ ދިގު މުއްދަތެއް ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ވަކީލަކު ހަމަޖައްސަން ޑރ. މުއިއްޒު އެދިލެއްވި މުއްދަތު ދިނުމާމެދު ދަޢުލަތުން އިއުތިރާޒްކޮށްފައި ނުވާތީ މިމައްސަލަ ބައްލަވާ ޤާޟީވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މިމައްސަލައަކީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާތީ، މުޢިއްޒުގެ މައްޗަށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނޫމަޑީގެ މައްސަލައިގައި މުއިއްޒުވަނީ ފުލުހުގެ އިދާރާއަށްވެސް ހާޒިރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވެސް ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 25 ޖޫން 2019ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަލް ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިއަކަށް ވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒުކަމަށެވެ.