ކޯވިޑާއިއެކު ހުއްޓުމަކަށް އައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ސަރުކާރުން އެންމެ މުހިންމު އިސްކަމެއް ދެއްވީ މި ދާއިރާގައި އުޅޭ މުވައްޒަފުންނަކީ ވެކްސިން ޖަހާފައިވާ ބަޔަކަށް ހެދުމުގެ މަސައްކަތަށެވެ. ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ މި ދާއިރާގެ މުވައްޒަފުންނަށްވުމެވެ. އޭގެ ސަަބަބުން ވެކްސިން ޖެހުމުގެ ސަބަބުން މުވައްޒަފުންނާއި އަދި ރާއްޖެ އަންނަ ފަތުރުވެރިޔާއަށްވެސް އިތުބާރާއި ޔަޤީންކަން ބޮޑުވާނެތީއެވެ.
ރާއްޖޭގައި ވެކްސިންގެ ޤައުމީ ކެމްޕެއިން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެމަހުގެ ތެރޭގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ފަށާފައެވެ.
ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން" ގެ ނަމުގައި ކެމްޕެއިނެއްވެސް މިދިޔަ އޭޕްރިލް މަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ. މި އަމާޒަށް ވާސިލްވުމުގެ އުންމީދުވެސް މިހާރު ވަނީ ބޮޑުވެފައެވެ.
ރާއްޖޭގައި މުޅި ޖުމްލަ 157 ރިސޯޓް އޮންނައިރު މީގެތެރެއިން މިހާތަނަށް 147 ރިސޯޓުން ވަނީ ރިސޯޓްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިންގެ 2 ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައެވެ. މި ރިސޯޓްތަކުން ވެކްސިން ފުރިހަމަކޮށްފައި މިވަނީ 6 މަސްދުވަހުގެ ތެރޭގައެވެ. އެހެންކަމުން މިއީ ބޮޑު ކާމިޔާބީއެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖުމްލަ އަދަދަކީ 41470 އެވެ. މީގެތެރެއިން %97.44 މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ 40407 މުވައްޒަފުންނެވެ. ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ %91.09 މުވައްޒަފުންނެވެ. އެއީ ޖުމަލް 37776 މުވައްޒަފުންނެވެ.
ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ރާއްޖެ އަންނަ ފަތުރުވެރިންވެސް އިތުރުވެގެންދާނެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 626،314 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ. މިއަހަރު ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒުކޮށްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.