ޚަބަރު

ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތައް ޢަމަލީގޮތުން ތަންފީޒުކުރުމަކީ ބޭނުންތެރި ކަމެއް: ރައީސް


ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ފަރުދުންގެ އިންސާނީވަންތަކަމަށް ޙުރްމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުންފަދަ މަތިވެރި ފިލާވަޅުތައް، ޢަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިފެށުނު ހިޖުރީ އައު އަހަރުގެ މުނާސަބަތުގެ ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައެވެ. ރައީސް ހިތާބުގައި، ހިޖްރީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ފޮނުއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިޔާބުގައި ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ، އިންސާނީ އަޚްވަންތަކަމާއި، މާތް اللهُގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން ގުޅިލާމެހިފައި ތިބި ބައެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް، އިސްލާމީ އުންމަތް ވެގެންދިޔައީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުންކަމަށެވެ. އަދި އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެހައި ދަތިތަކާއި ހުރަސްތައް ގިރާކޮށް، މުޅި ދުނިޔެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައީ، މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަ ގުޅުމުގެ ސަބަބުންކަމަށާއި މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި މި ކުޑަކުޑަ ދިވެހި މުޖުތަމަޢުވެސް މިއަދު ބޭނުން ވަނީ، އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކާއި، ދެކޮޅުވެރިކަމާއި ޒާތީ ޙަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކާއި، އިންސާފާއި ޙައްޤަށް މަސައްކަތްކުރާ، އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންނަށް ގޮވައިލަނީ، އެފަދަ ބަޔަކަށް މުސްލިމުން ވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ޙުރްމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަންކަން ފާހަގަކުރައްވައި ރައީސް ވަނީ އަނެކުންގެ ފުރާނައާއި މުދަލަށް، ހަމަ ކޮންމެ މީހަކުމެ، ރައްކާތެރިކަމާއި އަމާންކަމާއި ޙިމާޔަތް ދޭންޖެހޭނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަނެކުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، އެ ޙައްޤުތައް ހޯދައިދޭން މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.

ހިޖްރީ އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޢަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށާއި ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން ޢިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުޞަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިތާބު ނިންމަވާލައްވާފައިވަނީ މި ފެށުނު 1443 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަދި މުޅި އިސްލާމީ އުންމަތަށް، ހުރިހާ ގޮތަކުންވެސް، ހިތްހަމަޖެހުމާއި އުފާ ފާގަތިކަން ލިއްބައިދޭ އަހަރެއް ކަމުގައި ލެއްވުންއެދި ދުޢާކުރައްވާފައެވެ.