ޚަބަރު

އެމެރިކާއިން ފައިޒާ ވެކްސިންގެ 128700 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފި


އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ފައިޒާ ވެކްސިންގެ 128700 ޑޯޒް ހަދިޔާކޮށްފިއެވެ.

ކޮވެކްސް ފެސިލިޓީގެ ތެރެއިން ހަދިޔާކުރި މިވެކްސިންއާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމްއެވެ.

އެމެރިކާއިން ހަދިޔާކުރި ވެކްސިން ހަވާލުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ނަސީމް ވަނީ، މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ޕެންޑެމިކް ފެށުނީއްސުރެ އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވައި، އެކަށީގެންވާ ގޮތެއްގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް އެ އެހީ ދިވެހި ސަރުކާރަށް މުހިއްމުވިކަން ހެލްތު މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މި ލިބުނު ފައިޒާ ވެކްސިންއާއެކު އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާއިރު، 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުުރުން 60 ވެންޓިލޭޓަރުވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި އައި.އޭ.އީ.އޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެމެރިކާއިން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދީފައިވެއެވެ.

އެމެރިކާއިން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީ، ޑަބްލިޔު.އެޗް.އޯ ރެޕްރެޒެންޓޭޓިވް ޑރ ނަޒްނީން އަންވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންނާއި، ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

އެމެރިކާއިން ރާއްޖެއަށް ފައިޒާގެ ވެކްސިންގެ 128700 ޑޯޒް ހަދިޔާކޮށްފައިވާއިރު، ކޯވެކްސް ފެސިލިޓީގެ ދަށުން މިދިޔަ މާޗުމަހު ރާއްޖެއަށް ވަނީ 5850 ފައިޒާ ވެކްސިން ޑޯޒް ރާއްޖެ ގެނެސްފައެވެ.