ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އަނެއްކާވެސް އައު ރެކޯޑެއް ހަދައިފިއެވެ. މިފަހަރު ރާއްޖެއަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ބޯޑަރު ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އޭރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 ފަތުރުވެރިން ރާއްޖެއަށް ނާދެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ބޯޑަރު ހުޅުވާލި ދުވަސްވަރާއި އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ރާއްޖޭގައި ކޯވިޑް19ގެ ނަންބަރުތައް ދަށްވާން ފެށުމާއެކު މިއޮގަސްޓް މަސް ވެގެންގޮސްފައިވަނީ ފަތުރުވެރިކަމުގައި ކާމިޔާބު މަހަކަށެވެ. އެގޮތުން މިމަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި މިމަހު މިވަނީ ފަތުރުވެރިކަމުގެ އައު ރެކޯޑެއްވެސް ހަދާފައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެދުވަހު ރާއްޖެއަށް 6083 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެކުރިން މި ރިކޯޑް އޮތީ މިއަހަރުގެ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 5375 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4847 ފަތުރުވެރިން އާދެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 10 ދުވަސް ހޭދަކުރެއެވެ. މިއީ ކޯވިޑަށްފަހު މިހާބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.
2020 ވަނަ އަހަރާއި އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ %68.5 ކުރިއަރާފައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 651،146 ފަތުރުވެރިން ވަނީ އައިސްފައެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 386،454 ފަތުރުވެރިންނެވެ.
ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް މިވަގުތު ރާއްޖޭގައި 773 ތަނެއް ވަނީ ހުޅުވާފައެވެ. މީގެތެރޭގައި 156 ރިސޯޓާއި، 466 ގެސްޓް ހައުސްއާއި، 141 ސަފާރީއާއި، 10 ހޮޓެލް ހިމެނެއެވެ.