ޚަބަރު

އައު އާއްމު ހާލަތަކަށް ދެވުނަސް ކޯވިޑްގެ ނުރައްކާ އަދި ފިލައިނުދޭ: ރައީސް


ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތުން މިހާރު ޢާންމު ޙާލަތަކަށް އާދެވިފައިވީނަމަވެސް ކޯވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެންދިޔައީ ކަމަށް އަދި ޤަބޫލުކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވެވި ޚާއްޞަ އެސެމްބްލީގައި، ދެއްކެވި ވާހަކަފުޅުގައެވެ.

ކޯވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައިވެސް، ދިރާސީ އައު އަހަރަކާއި ދިވެހި ދަރިވަރުން ބައްދަލުކުރިއިރު ދުނިޔޭގެ އެހެން ޤައުމުތައް އަދިވެސް އޮތީ ވަރަށްދަތި ނިކަމެތި ޙާލަތެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގިނަ ޤައުމުތައް އަދިވެސް އޮތީ ފުރަބަންދުގައިކަމަށާއި، ޢާންމު ވިޔަފާރިތަކާއި، ދަތުރުފަތުރުތައް ހުރީ ހުއްޓިފައިކަމަށެވެ. އަދި ކޯވިޑް ވެކްސިންގެ އެންމެ ޑޯޒެއްވެސް ނުޖެހިފައިތިބި އެތައްބަޔަކު ތިބިއިރު ރާއްޖޭގައި ބަލިމަޑުކަމުގެ ހާލަތު އޮތީ މިވަގުތަށް ރަނގަޅު ހާލަތެއްގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި އޯގާވަންތަކަމުން، ރާއްޖެއަށް ބޭނުންވާވަރަށް މިހާރު ހުރީ ވެކްސިން ލިބިފައި. ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެސްކޮށްފި. ރާއްޖެއަށް މިހާރު މިވަނީ އައު ޢާންމު ޙާލަތަކަށް އާދެވިފައި. އަޅުގަނޑުމެން، އޮފީސްތަކާއި ވިޔަފާރިތައް މިއޮތީ ހުޅުވާލާފައި. ސްކޫލް މަދަރުސާތަކުގެ ކިޔެވުންވެސް ޢާންމު އުޞޫލުން މިއަދު މި ފެށުނީ. ޢާންމު ދަތުރުފަތުރުތަކަށްވެސް ވަރަށް ބޮޑެތި ލުއިތަކެއް ލިބިއްޖެ" ރައީސް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގެ ހާލަތު ރަނގަޅުވެފައިވީނަމަވެސް މިހާރުވެސް ބައެއް ޤައުމުތަކުގައި، ކޯވިޑް ޖައްސާ ވައިރަހުގެ ތަފާތު ބާވަތްތައް ފެތުރެމުންދާއިރު، މިބަލީގެ ނުރައްކާތެރިކަން ރާއްޖެއިން މުޅިން ފިލައިގެންދިޔައީ ކަމަށް ޤަބޫލުކޮށްގެން އަދި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށްދާއިރުވެސް، ކޯވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ފުރިހަމައަށް ޢަމަލުކުރެއްވުން ނުހަނު މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށް، އަޅުގަނޑުމެން އަބަދުވެސް ސަމާލުވާންޖެހޭނެ. އެހެންކަމުން، އަޅުގަނޑުމެން މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، މި ލިބުނު ކުރިއެރުން އެގޮތުގައި ދަމަހައްޓަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައްވެސް، ޢާންމު އުޞޫލުން ހުޅުވައިގެން ޚިދުމަތްދޭއިރު، އޮފީސްތަކުގެ މުވައްޒަފުންވެސް، އަދި ޚިދުމަތް ހޯއްދަވާ ބޭފުޅުންވެސް، ކޯވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރެއްވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.