އޮޅުވާލައިގެން ފޭކް ބުކިންގ ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަތައް ހުއްޓުވުމަށް އިމިގްރޭޝަންގެ ސިސްޓަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކޮށްފައި އޮތުމަށްފަހު، ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިއާއެކު ދޮގު މަޢުލޫމާތުދީ އޮޅުވާލައިގެން ފޭކް ބުކިންގ ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަތަކެއްވެސް މިވަނީ ފެންމަތިވެފައެވެ.
މިކަމާގުޅިގެން މީހުން ދިރުއުޅޭ ރަށްރަށުގައި އުޞޫލާ ޚިލާފަށް އުޅެމުންދާ ފަތުރުވެރިން ހޯދާ ފިޔަވަޅުއެޅުމަށް ޚާއްސަ އިސްޕެކްޝަނެއްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ. މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި މި އިންސްޕެކްޝަން ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ޓުއަރިޒަމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެންނެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވީ، ފޭކް ބުކިންގ ހައްދައިގެން ފަތުރުވެރިން ރާއްޖެ ގެނައުން ހުއްޓުވުމަށް މިހާރު ޢަމަލުކުރަމުންދާ އިމިގްރޭޝަން ސިސްޓަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިފަދަ ކަންކަން ކުރަމުންދަނީ ކޮން ފަރާތްތަކެއްތޯ ދެނެގަނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އިމިގްރޭޝަން ސިސްޓަމަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ތަންފީޒުކުރެވިގެންދާނެކަން އިމިގްރޭޝަން ކޮންޓްރޯލަރ ވަނީ ފާހަގަކުރައްވާފައެވެ.
"މިހާރު ސިސްޓަމަށް ބަދަލުތަކެއް ގެންގަން އަޅުގަނޑުމެން މިއުޅެނީ. މިހާރު ސިސްޓަމުގައި ހުރި ފަސޭހަތައް ބައެއް ބޭފުޅުން އެޑްވާންޓޭޖުގެ ގޮތުގައި ނަންގަވާތީ. ސިސްޓަމަށް ބަދަލުތައް ގެނައިމަށް މިހާރަށްވުރެ ހަރުދަނާކޮށް އެކަންކަން ބެލެހެއްޓޭނެ. އަދި މޮނިޓަރކުރެވިގެންދާނެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ ބަދަލުތައް ގެނެވިގެންދާނެ. މިއަންނަ މަހުގެ ތެރޭގައި އިމްޕްލިމެންޓު ކުރެވިގެންދާނެ" އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.
ޓޫރިސްޓުންގެ ގޮތުގައި ގެސްޓް ހައުސްތަކަށް ބުކިންގ ހަދައިގެން ފަތުރުވެރިން ރާއްޖެގެނެސް، އެމީހުން އަމިއްލަ ގެތަކުގައި ބައިތިއްބައި، އުޞޫލުތަކާއި ޚިލާފުވާނަމަ އެކަންކަން ސަރުކާރުން ހުއްޓުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑްގެ ނުރައްކާތެރި ޙާލަތަށްފަހު، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވާން ފެށިނަމަވެސް މިކަން ދެމެހެއްޓޭނީ އަދިވެސް ވިސްނުންތެރިކަމާއެކު މަސައްކަތްތަކެއް ކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ވަކިވަކި ގެސްޓްހައުސްތަކަށް ބުކިންގ ހަދައިގެން ގެނެސް، އެކިއެކި އަމިއްލަ ގޭގޭގައި މީހުން ބައިތިއްބާ ވާހަކަވެސް. އެއީކީއެއް އެކަން ކޮށްގެންވާނެ ގޮތެއް ނޫން. އެކަން އަޅުގަނޑުމެން ހުއްޓުވާނަން. މިކަން މުގުރާލައި، މިއާ އިދިކޮޅަށް ކަންތައްކުރާ ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުވެސް އަޅާނަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.
މިދުވަސްވަރު ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާއިރު އާއްމުންގެ ގޭގައި ފަތުރުވެރިން ބައިތިއްބާ މައްސަލަ ފާހަގަވެފައިވާކަމަށް ޓޫރިސްޓް ޕޮލިހުންވެސް ވަނީ ހާމަކުރައްވާފައެވެ. އަދި ޤާނޫނުތައް އޮންނަގޮތުން ފަތުވެރިންނަށް ތިބެވޭނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާ ތަންތަނުގައިކަމަށާއި، އެ ނޫން ތަނެއްގައި ތިބޭނަމަ، ގެސްޓް ހައުސްތަކަށް ފަތުރުވެރިން ބަދަލުކުރަމުންދާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަޒްހަމް ވިދާޅުވެފައިވެއެވެ.
"ހާއްސަކޮށް މިކޯވިޑްގެ މިދަނޑިވަޅުގައި އެއީ އެންމެންގެ ސަލާމަތަށް ނުރައްކާތެރިކަން ލިބިދާނެ ވަރުގެ ކަމެއް. އަޅުގަނޑުމެންގެ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަން ތަކުން މިހާރުވެސް މަސައްކަތަކެއް އެބަ ކުރޭ، އެގޮތަށް ތިބި ފަތުރުވެރިން ބުކިން ހަދާފައި ގެސްޓް ހައުސްތަކަށް ބަދަލު ކުރުމުގެ މަސައްކަތް. ގްރޭޓާރ މާލޭ އޭރިއާގައިވެސް އެގޮތަށް ދިމާވާ ކޭސްތަކުގައި ފަތުރުވެރިން ގެސްޓް ހައުސްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ" އަޒްހަމް ވިދާޅުވިއެވެ.
ފޭކް ބުކިންގ ހެއްދުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާއިރު، އެކަމުގެ ކަންބޮޑުވުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމްވެސް ވަނީ ފާޅުކުރައްވާފައެވެ. އަދި މިގޮތަށް އޮޅުވާލައިގެން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ފަތުރުވެރިކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ވަގުފާރިކުރުންކަމުގައިވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ހިއުމަން ޓްރެފިކިނގް އާ ޓޫރިޒަމާ ވަރަށް ތަފާތު.
— Abdulla Mausoom (@Mausoom_Maus) August 15, 2021
ތަންތަނުގައި ޓޫރިސްޓުން ހުއްދަނެތި ބޭތިއްބުން އެއީ ޓޫރިޒަމެއްނޫން، އެއީ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގް).
ކަމާގުޅޭ އިދާރާތަކުން އެފަދަކަންތައްތައް ބަލާ ފިއަވަޅު އަޅުއްވާނެކަމުގެ ހަބަރު ލިބުމުން ކުޑަކޮން ހިތްހަމަޖެހިއްޖެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް މަޤުބޫލު މަންޒިލަކަށްވުމުގެ އިތުރުން ރާއްޖޭގެ މުޅި އިޤްތިޞާދުހެން ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ލިބިފައިވާ ރީތިނަން ކިލަނބުވާފަދަ ޢަމަލުތައް ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 26 އިން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިމަރޖެންސީ ހާލަތުގައި ބޭނުންކުރުމަށް ޙުއްދަދީފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޯވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
ނަމަވެސް ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް މަތިވެފައިވާނަމަ ކަމަށްވެސް އެޗް.ޕީ.އޭގެ އުސޫލްގައި ހާމަކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ކޯވިޑްގެ ހާލަތާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭގޮތުން އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުރަމުންދޭތޯ ބެލުމުގެ އިތުރުން މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.