ޚަބަރު

ބަރުލަމާނީ ނިޒާމު ގެނައުން އަވަސްކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި


ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ފަށައިފިއެވެ.

ކްލަބް ހައުސްގައި "ތަޚުތު"ގެ ނަމުގައި ގްރޫޕެއް ހިންގާ އެމްޑީޕީގެ އާންމު މެންބަރުންތަކެއް އިސްވެ ހުށައަޅާ މި ޕެޓިޝަންގައި ސޮއިކުރަން ފެށުމުގެ ގޮތުން ވަނީ ހަރަކާތެއް ބާއްވާފައެވެ.

މިއީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން، އަދުގެ ސަރުކާރުންވީ ވައުދާއެއްގޮތަށް އެކަން އަވަހަށް ފެށުމަށް ބާރު އެޅުމުގެ ގޮތުން ހުށައަޅާ ޕެޓިޝަނެއް ކަމަށް އިންތިޒާމުކުރާ ފާރާތުން ބުނެނެވެ. ޕެޓިޝަންގައި ސޮއިކުރަން ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ޕެޓިޝަންގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިީމް މުއިއްޒުވެސް ހިމެނެއެވެ.

މިރަސްމިއްޔާތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކަށް ބަރުލަމާނީ އޮތުން މުހިއްމުކަމަށް ވިދާޅުވެ، ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ސަރުކާރު ބަދަލުކުރެވެން ޖެހޭކަން ފާހަގަކުރައްވާފައެވެ.

"އޭރު ވޯޓުލާފައި އޮތީ ބަޔަކު މީހުން ބުނާގޮތަށް. އެއީ އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ މައްސަލައަކީ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ. ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވޭނީ ބަރުލަމާނީ ނިޒާމަކުން" މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.