ޚަބަރު

ދަޢުލަތުން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން އެދިއްޖެ


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ސާބިތުކުރަން ދަޢުލަތުން ހުށަހެޅުއްވި ބައެއް ހެކިންނަކީ ފާސިޤުންކަމަށް ވިދާޅުވެ އޭގެތެރެއިން ބައެއް ހެކި ބަލައިނުގެންނެވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއައްދާ މިޝަރީޢަތުގައި މީގެކުރިން ދަޢުލަތުންވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވިކަމަށް އެއްބަސްވެ ޙުކުމް ތަންފީޒުކުރައްވަމުންދާ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބް އަބްދުލްޤަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމް.ޑީ ޢަބްދުﷲ ޒިޔަތުގެ އިތުރުން ރައީސް ޔާމީނުގެ ގާތް ބޭފުޅެއްކަމުގައިވާ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާއި ކުރީގެ މެންބަރު ޢަލީ މައުރޫފުވެސް ހިމެނޭހެން ޝަފަވީ އަދި ކިތާބީ ހެކީގެގޮތުގައި ޖުމްލަ 86 ހެއްކެއް ހުށަހަޅުއްވާފައެވެ.

ރައިސް ޔާމީންގެ ފަރާތްޕުޅުންވެސް ކުރީގެ އަޑުއެހުމުގައިވަނީ ދިފާޢުގައި ހެކިތަކެއް ހުށަހަަޅުއްވާފައެވެ.

މިމައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅުއްވާ ހުށަހެޅުއްވުމެއްގެ ގޮތުން ދައުލަތުންވަނީ ފޮރެންސިކް ރިޕޯޓުގެ ބައެއް މައުލޫމާތު ހިމެނޭ ސީޑީއާކާއި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓުގެ އެނެކްސްގައި ހިމެނޭ މައުލޫމާތު ސިއްރުކޮށް، އެހެކިތައް މައްސަލަ ރައްދުވާ ރައީސް ޔާމީނަށް ބެއްލެވޭނީ ޝަރީއަތުގެ މަޖިލީހުގައި އެކަނިކަމަށް ނިންމަވައިދެއްވުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ދަޢުލަތުން އެގޮތަށް އެދިވަޑައިގަތީ އެ މައުލޫމާތުތައް އާންމުވެއްޖެނަމަ ތަހުޤީގަށް ހުރަސްއެޅި، ގިނަ ބައެއްގެ ޒާތީ މައުލޫމާތު ޢާންމުވެދާނެތީއެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެއީ ޤަބޫލުކުރެވޭ ސަބަބެއް ނޫންކަމަށް ވިދާޅުވެ ކޯޓުން އެފަދަ އަމުރެއް ނެރެދިނުމާ ދެކޮޅަށް ވަކާލަތުކުރައްވާފައެވެ.

މިއަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދަޢުލަތުން ޝަރީއަތަށް ހުށަހަޅުއްވާފައިވާ ގިނަ ޝަފަވީ ހެކިތަކާއި ކިތާބީ ހެކި ބަލައިނުގަތުމަށް ހުށަހަޅުއްވާފައެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައިގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބް އަބްދުލްޤަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމް.ޑީ އަބްދުﷲ ޒިޔަތަކީ ކުށަށް އިއުތިރާފްވެ ޙުކުމް ތަންފީޒުކުރައްވަމުންދާ ދެ ބޭފުޅުންކަމަށް ވުމުންކަމަށާ، އަދި އެއީ ފާސިޤުންކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

މި ހުށައެޅުއްވުންތަކާ ގުޅިގެން ރައްދުގައި ދަޢުލަތުގެ ވަކީލުވަނީ ޔާމީންގެ ޝަރީއަތަށް ދައުލަތުން ހުށަހެޅުއްވި ހުރިހާ ހެއްކަކީވެސް މައްސަލާގައި މުހިންމު ހެކިތަކެއްކަމަށް ވިދާޅުވެ އަދީބާއި ޒިޔަތުގެ ހެކިބަސް މުހިންމުވާ ސަބަބު ހާމަކުރައްވާފައެވެ.

ޝަފަވީ ހެކީގެ އިތުރުން ދަޢުލަތުން ހުށަހަޅުއްވާފައިވާ އެހެނިހެން ކިތާބީ ހެކިތައްވެސްމައްސަލައާ ނުގުޅޭކަމަށް ރައިސް ޔާމީންގެ ވަކީލުން ވިދާޅުވުމުން ދަޢުލަތުންވަނީ އެގޮތަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވަނީ ޤާނޫނީ ކޮން އަސާސެއްގެ މައްޗަށްބުރަވެގެންކަން ވިދާޅުވެފައިނުވާކަން ފާހަގަކުރައްވާފައެވެ.

މިހާރުވެސް ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގއާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.