ޚަބަރު

މިލަދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި


މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ބަނދަރު ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މިއަދު ނިފައިވާކަމަށާ، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ %56 މިހާރުވަނީ ނިމިފައިކަމަށެވެ. އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިލަދޫ ބަނދަރު މިމަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލުންކަމަށް އެމްޓީސީސީން މަޢުލޫމާތުދެއްވިއެވެ.

42.1 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި ހިމެނެނީ 37,222 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ.

މީގެ އިތުރުން 1،430 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މިމަޝްރޫޢު ނިމޭއިރު ކުރެވިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އާބާދީގައި 1500 އެއްހައި މީހުން ދިރިއުޅޭ މިލަދޫއަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ވަނީ އެންމެ އެދެވޭގޮތުގައި ބޭނުންނުކުރެވިއޮތް އެރަށުގެ ކުރީގެ ބަނދަރާ ގުޅާލާގޮތަށް، ބަނދަރަށް 500 ފޫޓު އިތުރުކުރުމުގެ މަސައްކަތް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ފަށާފައެވެ.

މިމަޝްރޫޢު ނިމިގެންދާއިރު ރަށަށް ތަރައްޤީގެ އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް ރަށު ކައުންސިލުން ދެކެއެވެ. އެގޮތުން ކުރިން އޮތް ބަނދަރު ކުޑަވުމުގެ ސަބަބުން ބޮޑެތި ބޯޓު ފަހަރަށް ރަށުގެ ބަނދަރަށް ވަދެވޭނެ ގޮތެއް ނޯވެއެވެ. ގިނަ ޢަދަދެއްގެ ޑިންގީއާއި އޮޑިފަހަރު ބަނދަރުގައި އަޅާފައި އޮތުމުގެ ސަބަބުން އެރަށުގެ ބަނދަރަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ބަނދަރެކެވެ. އެހެންކަމުން ބަނދަރު ތަރައްޤީކޮށް ނިމުމާއެކު ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެރަށު ރައްޔިތުން ދެކެއެވެ.