ޚަބަރު

ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 300،000އާ ގާތަށް


ރާއްޖެއިން އިތުރު 511 މީހުން ކޯވިޑުން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 300،000އާ ގާތަތްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 511 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 373 މީހުންނާއި، ރަށްރަށުން ދެވަނަ ޑޯޒް ޖެހި 138 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 299،588 އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އާދީއްތަ ދުވަހު 4،629 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރައްދުން ފުރަތަމަ ޑޯޒް ޖެހި 1916 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 2713 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 372،777 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން އަންނަނީ އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީ ތަކުގެ މީހުންނަށްވެސް މިހާރު ފައިޒާ ވެކްސިންދޭން ވަނީ ފަށާފައެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ހާމަކުރައްވައި ސަރުކާރުންވަނީ ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ %84 އަދި 12 އަހަރުން މަތީގެ އާބާދީގެ %81 ވެކްސިންގެ ޑޯޒެއް ޖަހާފައިވާކަން ހާމަކޮށްފައެވެ.