ޚަބަރު

އަތޮޅު ނާއިބު ރައީސުންނަށް އިތުރު އެލަވެންސެއް ދޭން ފާސްކޮށްފި


އަތޮޅު ކައުންސިލްތަކުގެ ނާއިބް ރައީސުންނަށް 1000 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރީލް މަހު ފާސްކުރިއިރު އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިއްބަވާ މެންބަރުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަށުކައުންސިލްގެ ރައީސަށް ކަނޑައަޅާފައިވާ މުސާރައެކަންޏެވެ.

އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިމިވަނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަންޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަންޖެހޭނެކަމަށް ބަޔާންކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން މާލިއްޔަތު އެކޮމިޓީއަށް ސިޓީ ފޮނުވުމާ ގުޅިގެން އެކަމަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރައަކީ އިންޔާތްތަކާއެކު 28،000 ރުފިޔާއެވެ. އަދި އަތޮޅު ކައުންސިލްގައި ތިއްބަވާ އެހެން ރަށްތައް ތަމްސީލުކުރާ އެރަށްރަށުގެ ކައުންސިލް ރައީސުންނަށް މުސާރައާ އިނާޔަތްތަކާއިއެކު ދޭން ފާސްކުރީ 20،000 ރުފިޔާއެވެ.

އެހެންކަމުން އައު ކައުންސިލަރުން އިންތިޚާބުވެ މަޤާމާ ހަވާލުވިފަހުން އަތޮޅު ކައުންސިލްގެ ނާއިބުރައީސަށްވެސް ދެމުންދިޔައީ 20000 ރުފިޔާއެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން މިގެންނެވި ބަދަލު މަޖިލީހުން ފާސްވެއްޖެނަމަ އަތޮޅު ކައުންސިލްގެ ނާއިބު ރައީސަށް މުސާރައިގެ އިތުރުން ބޮޑުކުރި 1000 ރުފިޔާގެ އެލަވަންސާއިއެކު، ޖުމަލް 21،000 ރުފިޔާ ލިބިގެންދާނެއެވެ.

އަތޮޅު ކައުންސިލްގެ އެހެން މެންބަރުންނާއި ކައުންސިލްގެ ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ގެންނަން މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަޢީދު ކުރައްވައި އެލަވަންސްގެ ގޮތުގައި 1000 ރުފިޔާދޭން ފާސްކުރީ ކޮމިޓީގެ އަޤްލަބިއްޔަތުންނެވެ.