ޚަބަރު

ނޭކުރެންދޫގައި ހަދާ ޖަލުގެ މަސައްކަތާ ގުޅޭގޮތުން ހޯމް މިނިސްޓަރާ ސުވާލުކުރަނީ


ހދ.ނޭކުރެންދޫގައި ސަރުކާރުން ހަދަން ނިންމާފައިވާ ޖަލުގެ މަސައްކަތާގުޅޭ ފަހުގެ މަޢުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާ ސުވާލުކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓަރ އިމްރާނާ ސުވާލުކުރައްވަން އެދިވަޑައިގެންފައިވަނީ ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީއެވެ.

މެންބަރު ރާއީ ހޯމް މިނިސްޓަރާ ސުވާލު ކުރައްވަނީ އެމެނިސްޓްރީގެ ބެލުމުގެ ދަށުން 2019ވަނަ އަހަރުން ފެށިގެން ސަރުކާރުން ނޭކުރެންދޫގައި، ޤާއިމްކުރުމަށް ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރ އެޅުމަށް މިހާތަނަށް ކުރެވިފައިވާ އަމަލީ މަސައްކަތާ ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން ކޮންމެ އަހަރަކު ދަޢުލަތުގެ ބަޖެޓުން އެކަމަށް ބަޖެޓުކުރާ ފައިސާއިން އެކަން ކުރުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ޙިއްސާކުރެއްވުމަށްވެސް މެންބަރުވަނީ އެދިވަޑައިގެންފައެވެ.

މެންބަރު ރާއީ ވަނި މިދިޔަ އަހަރުވެސް މިޖަލާ ގުޅޭގޮތުން ހޯމް މިނިސްޓަރާ ސުވާލުކުރައްވާފައެވެ. އޭރު މިނިސްޓަރ ވިދާޅުވީ، ނޭކުރެންދޫގައި ހަދަން ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކޯވިޑް-19އާ ގުޅިގެން ހުއްޓިފައިވީ ނަމަވެސް، އަލުން މަސައްކަތް ފަށައި ގިނަ ޚިދުމަތްތަކެއް ލިބޭނެ ޖަލެއް މިދައުރުގެ ތެރޭގައި އެރަށުގައި ހަދާނެކަމަށެވެ.

ނޭކުރެންދޫގައި ޖަލެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅަކަށް ވުމާއެކު އެޖަލު ވެގެންދާނީ އެތަނުގައި ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމު ތަކާއެކު ހަދާ ޖަލަކަށް ވާނެކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހދ. ނޭކުރަންދޫގައި ޖަލެއް ހެދުމަށް 2020ވަނަ އަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން އެމަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރެވެމުްނދިޔަކަމަށް ހޯމް މިނިސްޓަރ އިމްރާން ކުރިންވަނީ ވިދާޅުވެފައެވެ.