ޚަބަރު

ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި


އައްޑޫ ސިޓީ މަރަދޫގައި ތަރައްޤީކުރާ ކަސްޓަމްސްގެ ސަރަޙައްދީ މައި އޮފީސް އިމާރާތްކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފިއެވެ.

ކަސްޓަމްސްއިން ދެކުނު ސަރަހައްދުގެ ސަރަހައްދީ މައި އޮފީސް އިމާރާތްކުރުމުގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޗްރޫޢޫގެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއެވެ. އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.

411 ދުވަހުގެ ތެރޭގައި ނިންމުމަށް އެބަސްވެފައިވާ މި އޮފީސް އިމާރާތުގެ މަޝްރޫޢަކީ 22.3 މިލިޔަން ރުފިޔާގެ މަޝްޢެއްކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މި ކަސްޓަމްސްގެ ދެކުނު ސަރަހައްދީ މައި އޮފީސް މަޝްރޫޢާ ގުޅޭގޮތުން ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، އައްޑޫގައި ހަދާ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އިމާރާތާއެކު އެސިޓީގައި ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.



އައްޑޫ ސިޓީ މަރަދޫގައި ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ޢިމާރާތްކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލާއެކު ކަސްޓަމްސްއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ކަސްޓަމްސްއިން އަންނަނީ މާލެ ސިޓީގެ އިތުރުން، ރާއްޖޭގެ 9 ސަރަޙައްދެއްގައި އެ މުއައްސަސާގެ އޮފީސްތައް ޤާއިމުކޮށް ޚިދުމަތް ދެމުންނެވެ. އެގޮތުން ހއ. އުލިގަމް، ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ، ކ. ތިލަފުށި، ކ. ތުލުސްދޫ، ލ. ގަން، ގއ. ވިލިނގިލި، އައްޑޫ ސިޓީ ގަން އަދި ހިތަދޫގައި ރީޖަނަލް އޮފީސްތައް ޤާއިމުކޮށް ކަސްޓަމްސްއިން އަންނަނީ ޚިދުމަތް ދެމުންނެވެ.