ޚަބަރު

ޖޭޕީން އިދިކޮޅު ކޯލިޝަނަށް: އެއްވެސް މީހަކަށް އަނިޔާއެއް ލިބެން ނޭދެން


ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި އިސްކޮށް ތިއްބެވީ ރައީސް ޔާމީންވެސް އިތުބާރު ނުކުރައްވާ ބޭފުޅުންތަކެއްކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމާއި ގުޅޭގޮތުން އެކޯލިޝަންގެ އިސްބައެއް ފަރާތްތަކުން ދެއްކި ވާހަކަތަކަށް ޖުމްހޫރީ ޕާޓީން ރައްދުދީފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ނާއިބު ލީޑަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު ވަނީ ރައީސް ޔާމީނަށް ޖަލު ޙުކުމް އިއްވުމުން އިދިކޮޅުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފަރާތްތަކުން އެމަނިކުފާނު މިނިވަން ކުރެއްވުމަށްކަމަށް ބުނެ ދެއްކެވި ވާހަކަތަކާއި މެދު ސުވާލު އުފައްދަވާ ވާހަކަދައްކަވާފައެވެ.

ޖޭޕީގެ ލީޑާރު ޤާސިމް އިބްރާހީމް މަޖިލީހުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ޤާސިމާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އިލްހާމް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުމަށްޓަކައި، ޤާޟީ ހައިލަމަށްވެސް އަދި އެނޫން ފަނޑިޔާރަކަށްވެސް ގުޅުވައްވައި އެކަމާއި ގުޅޭ އެއްވެސް މުޢާމަލާތެއް ޤާސިމް ނުކުރައްވާކަމަށެވެ. އަދި އިދިކޮޅުން އެފަދަ މޭރުމަކުން ދެއްކި ވާހަކަތައް އިލްހާމް ދޮގުކުރިއެވެ. އަދި ސިޔާސީ ގޮތުން ކިތަންމެ ވާދަވެރިކޮށް މަސައްކަތް ކުރިނަމަވެސް އެއްވެސް ފަރާތަކަށް އަނިޔާ ދިނުމަކީ ތާއީދު ކުރާކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަކީވެސް އަވަސް އަވަހަށް ބަދަލުވަމުންދާ މަސްރަހެއްކަމަށާއި، ޖުމްހޫރީ ޕާޓީން ތައްތާރުވަމުންދަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައުމަށްކަމަށެވެ. އަދި އެކަމުގައި ކޯލިޝަނެއް ހަދަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަން ފާހަގަކުރައްވައި އޭނާވަނީ ޖުމްހޫރީ ޕާޓީން އިންތިޚާބު ކާމިޔާބުކުރުމަށް ހަރުދަނާ ކަމާއިއެކު މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ.