ރާއްޖޭގެ މަސް ކުންފުނިތަކުން މަސް ގަތް މިންވަރު އިތުރުވެ ރާއްޖެއިން އެކްސްޕޯޓުކުރި މަހުގެ ޢަދަދު %58 އިތުރުވެއްޖެއެވެ.
އެމްއެމްއޭގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިންވަނީ 21758 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 13744 މެޓްރިކް ޓަނުގެ މަހެވެ.
އަހަރުގެ ދެވަނަ ކުއާޓަރުގައި މަސް ކުންފުނިތަކުން މަސްވެރިންގެ އަތުން ގަތް މަހުގެ ޢަދަދުވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާ ބަލާއިރު %35 އިތުރުވެފައެވެ. ދެވަނަ ކުއާޓަރުގައި މަސް ކުންފުނިތަކުންވަނީ މަސްވެރިންގެ އަތުން ގިނަ ޢަދަދަކަށް ކަޅުބިލަމަސް ގަނެފައެވެ. އެގޮތުން ކުންފުނިތަކުން ކަޅުބިލަމަސް ގަތް މިންވަރުވަނީ %89 އިތުރުވެފައެވެ.
އެހެން ނަމަވެސް މި މުއްދަތުގައި ރީނދޫ އުރަހަ ކަންނެލި ގަނެފައިވާ މިންވަރުވަނީ %61 ދަށްވެފައެވެ.
ދެވަނަ ކުއާޓަރގައި ރާއްޖެއިން އެންމެ ގިނަ ޢަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން ގަނޑުކުރި ކަޅުބިލަ މަސް އެކްސްޕޯޓްކުރި މިންވަރުވަނީ %125އަށް އިތުރުވެފައެވެ.
ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދަޅުގައި ބަންދުކުރި މަހަށް އޮތް ޑިމާންޑު ދުނިޔޭގެ ބާޒާރުގައި އުފުލިފައިވުމުންކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ. ކަޅުބިލަ މަހަކީ ދަޅުގައި ބަންދުކުރި މަސް ތައްޔާރުކުރުމަށް ބޭނުންކުރާ މަހެވެ.
ކަޅުބިލަ މަސް އެކްސްޕޯޓްކުރި މިންވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރި ގަނޑުކުރި ރީނދޫ އުރަހަ ކަނނެެލީގެ ޢަދަދުވަނީ %20 ދަށްވެފައެވެ. އަދި ދަޅުގައި ބަންދުކުރި މަހާއި، ރާއްޖެއިންބޭރު ކުރާ މަހުގެ އެހެނިހެން ބާވަތްތަކުގެ މިންވަރުވެސްވަނީ %4 ދަށްވެފައެވެ.