ވިޔަފާރި

އައިއެމްޓީއެމް ފެއަރ އަންނަ މަހަށް ފަސްކޮށްފި


އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާރޓް (އައިއެމްޓީއެމް) ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.

އައިއެމްޓީއެމް އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ. މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއަރ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26އިން 28އަށެވެ. ކުރިން މި ފެއަރ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 21އިން 23އަށެވެ. އައިއެމްޓީއެމް އިންތިޒާމްކުރާ ފަރާތުން ބުނީ ފެއަރ ބާއްވާ ތާރީޚު ލަސްކުރުމަށް ނިންމީ ކޯވިޑާއެކު ހުރި ބައެއް ދަތިތަކުގެ ސަބަބުން ޕާޓްނަރުންގެ އެދުމުގެ މަތިންކަމަށެވެ.

އައިއެމްޓީއެމް ފެއަރގައި ބީޓުބީ ޙަރަކާތް ކުރިއަށް ދާނެއެވެ. މިއަހަރުގެ އައިއެމްޓީއެމް ފެއަރ އޮންނާނީ ވާޗުއަލް ޕްލެޓްފޯމް އައިއެމްޓީއެމްއެއާ މެދުވެރިކޮށެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މިދިޔަ އަހަރު ވެސް އައިއެމްޓީއެމް ފެއާ ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފެއާ ބާއްވާ މިއީ 4ވަނަ އަހަރެވެ. އައިއެމްޓީއެމް އިން ވިދާޅުވީ މި އަހަރުގެ ޙަރަކާތުގައި 20 ގައުމަކުން 100އަށްވުރެ ގިނަ އިންޓަނޭޝަނަލް ފިޔަފާރިތަކުން ބައިވެރިވާނެ ކަމަށް ލަފާކުރާ ކަމަށެވެ. މީގެ އިތުރުން 400އަށްވުރެ ގިނަ ޓްރޭޑް ވިޒިޓަރުން މި އިވެންޓަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރާ ކަމަށްވެސް އައިއެމްޓީއެމްއިން ވިދާޅުވެއެވެ.