ވިޔަފާރި

އިންޑިއާގެ ސިޓީތަކުގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރުކުރަނީ


އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރު ކުރުމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް ހަމްޒާ ޤާސިމް ވިދާޅުވީ، ރާއްޖޭގެ ގެސްޓް ހައުސްތައް ޕްރޮމޯޓްކުރުމަށް އެ އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި އެކުވެސް ގެސްޓް ހައުސް އެސޯސިއޭޝަނުން ވަނީ މަޝްވަރާކުރައްވާފައެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ މާކެޓް ރާއްޖޭގައި މިއަށްވުރެ ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ދާއިރާގައި މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް ހަމްޒާ ޤާސިމް ވިދާޅުވީ، އިންޑިއާ މާކެޓްގައި ރާއްޖޭގެ ގެސްޓް ހައުސްތައް ޕްރޮމޯޓް ކުރުމަށް މަސައްކަތްތަކެއް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރާއްޖޭގެ ގެސްޓް ހައުސްތައް ޕްރޮމޯޓްކުރުމަށް ފެއަރތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

"އަޅުގަނޑުމެން ވާހަކަދެއްކީ އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރާއްޖޭގެ ގެސްޓް ހައުސް ޕްރޮމޯޓްކުރަން ފެއަރތަކެއް ބާއްވަން. އަޅުގަނޑުމެންނަށް ވަރަށް ޕޮޒިޓިވް ޖަވާބުތަކެއް ލިބިފައި ހުރީ. އެންމެ ބޮޑަށް ދިމާވާ ދައްޗަކީ ކޯވިޑް. ކޯވިޑް ހައްލުވެގެން ކަންނޭނގެ އަޅުގަނޑުމެންނަށް މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނީ. ވީވަރަކުން އަޅުގަނޑުމެން މިބަލަނީ މިހާރުވެސް ހަމަ ބޮޑެތި ސިޓީތަކުގައި ކިހިނެތްތޯ ބޭއްވޭނީ ފެއަރތައް ނޫނީ ގެސްޓް ހައުސްތައް ޕްރޮމޯޓްކުރެވޭނީ ކިހިނެތްތޯ ބަލައި ދިރާސާކުރަމުން މިދަނީ." ހަމްޒާ ވިދާޅުވިއެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ %21.8 އަކީ އިންޑިއާ ފަތުރުވެރިންނެވެ. އެއީ 172،104 ފަތުރުވެރިންނެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެ އައިސްފައިވަނީ 62،960 ފަތުރުވެރިންނެވެ.