ޚަބަރު

ހުޅުމާލެ ޖަލުގައި ނިޔާވި، މުޙައްމަދު އަސްލަމަށް އެއްވެސް އަނިޔާއެއްދީފައިނުވޭ - އެމްސީއެސް


ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވި، ގދ. ވާދޫ ޖަނަވަރީގެ މުޙައްމަދު އަސްލަމަށް ކަރެކްޝަނަލް ސަރވިސުން އެއްވެސް އަނިޔާއެއްދީފައި ނުވާކަމަށާއި އޭނާއަށް އަނިޔާކުރިކަމަށްބުނެ ޢާއިލާއާ ޙަވާލާދީ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރޭ 18:00އެހާއިރު، މުޙައްމަދު އަސްލަމް ހުޅުމާލެ ޖަލުގެ ޔާޑު ޞަރަހައްދުގައި ސަރަހައްދުގައި އިށީނދެގެން އިންދައި، ކުއްލިއަކަށް ވެއްޓުމާ ގުޅިގެން 8 މިނެޓްތެރޭ އެމަޖެންސީ ހާލަތުގައި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިކަމަށެވެ. އަދި އޭނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއްނޫންކަމަށް އެސަރވިސުން ވިދާޅުވިއެވެ.

އަސްލަމް އިށީނދެ އިންދައި ވެއްޓުމާ ގުޅިގެން އޭނާގެ ބޮލަށް އަނިޔާވެފައިވާކަމަށާއި، އެ މަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖްއިން ސާފުކޮށް ފެންނަންހުރިކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވިއެވެ.

ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ 18:30ގައި ޢާއިލާއަށް ގުޅަން މަސައްކަތްކޮށް، ގުޅިފައިވަނީ 18:42 ގައިކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އޭނާ ނިޔާވެފައިވާކަމަށް އަންގާފައި ވަނީ، ރޭ 20:23 ގައިކަމަށެވެ. މީގެ އިތުރުން އޭނާގެ މަރުގެ ސަބަބު ދެނެގަނެފައި ނުވާއިރު، ނިޔާވެފައިވަނީ 18:55 ކަމަށް މަރު ފޯމްގައި ބަޔާންކޮށްފައިވެއެވެ.

މުޙައްމަދު އަސްލަމްގެ މަރާއިގުޅިގެން ރޭ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އެސަރވިސުން އެކަން އަންގާފައިވާކަމަށާއި، އެފަރާތްތަކުން ހޯދުމަށް އެދޭ އެންމެހާ މަޢުލޫމާތު ފޯރުކޮށްދެމުންދާކަމަށް އެސަރވިސުން ވިދާޅުވިއެވެ. މީގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވެސް މައްސަލައިގެ އިންޓަރނަލް ތަޙުޤީޤު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ސީީސީޓީވީ ފޫޓޭޖްތަކާއި ޖަލު އޮފިސަރުންނާއި ޤައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަގޮތުގެ ޓައިމްލައިންއެއް ހޯމް މިނިސްޓްރީން މިހާރުވަނީ ޢާންމުކުރައްވާފައެވެ.

އަދި އެސަރވިސުންވަނީ މުޙައްމަދު އަސްލަމް އަނިޔާ ކޮށްފައިވާކަމަށް ބުނެ ޢާއިލާއާ ޙަވާލާދީ ފަތުރާ ޚަބަރަކީ ސައްޚަ ޚަބަރެއްނޫންންކަމަށާއި އެއްވެސް އަނިޔާއެއް މުޙައްމަދު އަސްލަމަށް އެ ސަރވިސްއިން ދީފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ހަޤީޤަތް އޮޅޭފަދަ ގޮތްގޮތަށް މިފަދަ ޚަބަރުތައް ފަތުރެމުންދާތީ، ކަރެކްޝަނަލް ސަރވިސުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.