ޚަބަރު

ލީކުވި އޯޑިއޯތަކުގެ މައްސަލައިގެ ތަޙުޤީގުގެ ކަންކަން ގާތުން ބަލައިދޭނަން - ޕީޖީ


ރައީސް ޔާމީނަށް ޖަލު ޙުކުމް އިއްވި، ކްރިމިނަލްކޯޓުގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ ވާހަކަތަކެއްކަމަށްބުނާ އޯޑިއޯތަކުގެ މައްސަލަ ތަޙުޤީގުކުރާއިރު އެމައްސަލަ ގާތުން ބައްލަވައިދޭނެކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޢާންމުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީއާ ފުލުހުން ބަލަމުންދާއިރު، އެމައްސަލައިގެ ތަޙުޤީގު ހިނގަމުންދާގޮތް ގާތުން ބަލައިދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދުވަނީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އަރިހުގައި ދަންނަވާފައެވެ.

ޕީޖީއާ ބައްދަލުކުރައްވައި އިދިކޮޅު ކޯލިޝަންގެ ބައެއް އިސްފަރާތްތަކުންވަނީ ލީކުވެފައިވާ ފަނޑިޔާރުންގެ ވާހަކަތައްކަމަށްބުނާ މައްސަލައިގެ ކަން ބޮޑުވުން ފާޅުކޮށްފައެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އެދުނުގޮތަށް އޯޑިއޯތަކުގެ މައްސަލައިގެ ތަހުޤީގު ކުރިއަށްދާގޮތް ގާތުން ބައްލަވައިދެއްވާނެކަމަށް ޕީޖީ ވިދާޅުވެފައިވާކަމަށެވެ.

މީޑިއާތަކުގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުންދާއިރު، އެމައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްގެންދިއުމަށްޓަކާ ދައުރުވި އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް އެ ކޮމިޝަނުން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.

އަދި އޯޑިއޯތަކުގައި ވާހަކަދެއްކވި ފަނޑިޔާރުންކަމަށްބުނާ ފަނޑިޔާރުންގެ ރުހުމާއެކު އޯޑިއޯ ސާމްޕަލްތައް ފުލުހުންނަށް ދެއްވާފައިވާކަމަށްވެސް ޖޭ.އެސް.ސީންވަނީ ވިދާޅުވެއެވެ.

ލީކުވި އޯޑިއޯތަކާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުޚާރުގެ ބައެއް އިސްފަރާތްތަކުން މަސައްކަތް ކުރާކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރަމުންދާއިރު، އެކަމަށް ރައްދުދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވަނީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލުވާލައި، ފަނޑިޔާރުންނާއިމެދު ނުބައި ތަސައްވަރެއް އުފައްދަމުންދަނީ މިހާރު ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.