ޚަބަރު

ނިމުނުއަހަރު ސުޕްރީމް ކޯޓުން ނިންމި މައްސަަލަތައް 25 އިންސައްތަ އިތުރު


މި ނިމުނުއަހަރު ސުޕްރީމް ކޯޓުން ނިންމި މައްސަަލަތައް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 25 އިންސައްތަ އިތުރުކަމަށް ސުޕްރީމް ކޯޓުން ހާމަކޮށްފިއެވެެ.

ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ކޯޓުގެ ގޮތުގައި އުފެދުނު ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމާއި ގުޅިގެން އެކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފާއިތުވެދިޔަ 2 އަހަރަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް ބަދަލުތަކެއް ގެނުވި ދެ އަހަރެއްކަމަށެވެ. އެގޮތުން އިޤްތިޞާދީ ޙަރަކާތްތަކާއި އިދާރީ އިންތިޒާމުތަކަށް ލޮޅުންއަރައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި މި ދެ އަހަރުވެސް ސުޕްރީމް ކޯޓުގެ އަމާޒަކަށްވީ މެދުކެނޑުމެއް ނެތި އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުންކަމަށެވެ.

އެގޮތުން އީޖާދީ އައު ވަސީލަތްތަކުގެ ބޭނުން ހިފައި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި އެ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި އިޖުރާއީ ގޮތުން ގެންނަން ފެނުނު ބަދަލުތައް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމަނައި ނިމިގެން މިދިޔަ އަހަރުގެ ތެރޭގައި ކޯޓުގެ އައު ޤަވާއިދު އާންމުކުރެވިފައިވާކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.

ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްތައް ހިންގުމަށް 2020 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުން އަމަލުކުރަމުން އަންނަ ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން އޯޑިއޯ ރެކޯޑިން ވަނީ ޢާންމުކުރަން ފަށައި އެއަހަރުގެ ޖޫން މަހުގެ ތެރޭގައި ޝަރީޢަތްތައްވެސް ލައިވް ސްޓްރީމް ކުރަން ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ އެ ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވެ ކާމިޔާބު އަހަރެއްކަމަށާއި، 2020 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 18 އިން މި އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި 121 މައްސަލަ އެކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށެވެ. އަދި ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ޙުކުމްކުރެވިފައިވާއިރު، މިއީ، އޭގެ ކުރީ އަހަރު ޙުކުމްކުރެވުނު އަދަދަށްވުރެ %25 ގެ ކުރިއެރުމެއްކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ އައު ތަޞައްވުރާއެކު، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީސްތައް ހިންގުމުގައި، ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ޝަރުޢީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްޤީކޮށް އެ ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް ބޭނުންކުރަމުންދާއިރު، މި މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު މި އެޕްލިކޭޝަން ޤާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހުޅުވައިލެވޭނެކަމަށް އެކޯޓުން ވިދާޅުވިއެވެ.

ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމަށް ޝަރުޢީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އަދިވެސް ކުރާންހުރި ކަންތައްތައް މަދެއް ނޫނެވެ. މާލީ ގޮތުންނާއި އިންސާނީ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، ލިބެންހުރި މަދު ވަސީލަތްތަކުގެ އެހީގައި މި ދާއިރާ އިސްލާހުކުރުމަށާއި ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ހީވާގިކަމާއެކު މަގު ދެއްކުމުގައި ސުޕްރީމް ކޯޓު ދެމިއޮންނާނެކަމަށް އެކޯޓުންވަނީ ފާހަގަކުރައްވާފައެވެ.