ޚަބަރު

"މިތިބީ ދުނިޔޭގެ އިސް ސަފުގައި އިސް އުފުލައިގެން"


ޚާރިޖީ ސިޔާސަތުގެ ބިންގާ އެޅިގެން ދިޔަގޮތަށް ނަޒަރު ހިނގާލާއިރު، ރާއްޖޭގެ ޚާރިޖީ ސިޔާތު ބައްޓަންވެގެންދިޔައީ މައިގަނޑު 3 މަރުހަލާއަކުންކަން ތާރީޚީގޮތުން ބަލާއިރު ހާމަވެގެންދެއެވެ.

ރާއްޖޭގެ ޚާރިޖީ ކަންކަމުގެ އިތުރުން އެނޫންވެސް ކަންކަމަށް އެންމެ ފުރަތަމަ ބާރުފޯރުވަމުން ގެންދިޔަ ބަޔަކީ ޕޯޗުގީޒުންނެވެ. އެމީހުންގެ އަޅުވެތިކަމުން މިނިވަންވުމަށްފަހު، ޑަޗް މީހުން ރާއްޖެ ސަރަހައްދަށްއައެވެ. އެއަށްފަހު އޭރު ރާއްޖޭގެ ވެރިރަށް މާލޭގެ ބޮޑުންގެ މެދުގައި ހިނގަމުންދިޔަ ދާޚިލީ ކަންތައްގަނޑުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ކަންކަމާއި ދިފާޢީ ކަންކަން އިނގިރޭސީން ބަލަހައްޓައިދޭގޮތަށް އެއްބަސްވެ އެކަންކަން އެގޮތަށް ނިމިގެންދިޔައެވެ. މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކަންކަން ދޫކޮއްލުމަށްފަހު ފުރުތަމަ ފަަހަރަށް ބޭރުގެ ހިމާޔަތަށް ދިޔަފަހަރެވެ.

އެއަށްފަހު ދިވެހި ޚާރިޖިއްޔާގެ ނަމުގައި ވުޒާރާއެއް އުފަންވެފައިވަނީ 1932ވަނަ އަހަރު ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނުއަސާސީއެއް އެކުލަވާލުމާ ގުޅިގެންނެވެ. އޭގެ ކުރިން ވުޒާރާއެއް ނެތްނަމަވެސް ބޮޑުވަޒީރުގެ އޮފީހުގެ ޑެސްކެއްގެ ގޮތުގައި ޚާރިޖީކަންކަން ބައްލަވަމުން ގެންދެވިއެވެ. އަދި މީރުބަހުރުގެ ބެލުމުގެ ދަށުން ބޭރުން އަންނަ އުޅަނދުތަކާއި މީހުންނާއި މުއާމަލާތު ކުރަމުންދިޔައެވެ. މިއާއެކު މާކުރީއްސުރެ ރާއްޖެއާ އަވައްޓެރި ޤައުމުތަކާއެކު ޚާރިޖީ ކަންކަން ކުރިއަށް ދިޔަކަމާއި، ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބާއްވަމުން ގެންދިޔައީ އަވައްޓެރި ސްރީލާންކާއާ އެކުގައިކަން ތާރީޚުން އެނގެއެވެ. ލަންކާގައި ރާއްޖޭގެ އޮފީހެއްވެސް އޭރު ހިނަގަމުންދިޔަކަން އެނގެއެވެ.

ކޮންމެއަކަސް 1932ގައި ޚާރިޖީ ވުޒާރާއެއް އުފެދުނު ނަމަވެސް އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެއޮތުމުން ބޭރާބެހޭ ގުޅުންތަކެއް ކުރިއަށް ގެންގޮސްފައި ނުވެއެވެ. ނަމަވެސް ފުރަތަމަ ޤާނޫނު އަސާސީގައިވެސް ޚާރިޖީ ދާއިރާއާ ގުޅުންހުރި ދެކަމެއް ހިމަނާފައިވެއެވެ. އެއީ އަބަދުވެސް އޮންނަ އުޞޫލުން ބޭރުގެ ޤައުމުތަކާއެކު ވެފައިވާ މުއާޙަދާތަކަށް އިޙްތިރާމް ކުރަންޖެހޭކަމާއި، ރާއްޖެއިން އެއްވެސްބަޔާކާއެކީ ނުތޮޅޭނެކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ސަރަހައްދާއި ދުނިޔޭގައި މަސައްކަތްކުރާނެކަމުގެ ވާހަކައެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެށިގެން ދިޔަގޮތުގެ ތިންވަނަ މަރުހަލާއެއްގެ ގޮތުގައި ފާހަގަވަނީ ރާއްޖެއަށް މިނިވަންކަން ލިބި، އެކަމުގެ އެއްބަސްވުމުގައި ހިމެނޭ ޚާރިޖީ ސިޔާސަތާއި ގުޅުންހުރިކަންކަމެވެ. 1965ވަނަ އަހަރު އިނގިރޭސީން ރާއްޖެ ދޫކޮއްލީ އަމިއްލައަށް ޚާރިޖީކަންކަން ކަނޑައަޅައި އެކަންކަން ތަންފީޒުކުރުމުގެ ބާރާއި މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުންނެވެ.

އެހެންކަމުން މިނިވަންކަން ލިބުމަށްފަހު ޤައުމުތަކާއެކު ގުޅުން އުފެއްދުމަށް ރާއްޖެއިންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަކީ މިނިވަން ޤައުމެއްކަން ކަށަވަރުކުރުމުގެ މަސައްކަތްރާއްޖެއިންކުރަމުން ގެންދިޔައެވެ. އެގޮތުން 56 ދުވަހުގެ ތެރޭގައި އދ.މަޖިލީހުގެ މެންބަރަކަށް ރާއްޖެވުމަކީ ޚާރިޖީ ސިޔާސަތުގެ އަސާސީ ބިންގާ ފުރިހަމަވެގެންދިޔަ ދުވަހެވެ.

އދ.ގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 1965ވަނަ އަހަރާއި ހަމައަށް 117 ޤައުމުއޮތްއިރު އެހިސާބުން ފެށިގެން އެހުރިހާ ޤައުމުތަކުންވެސްވަނީ މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފައެވެ. އެއާއެކު ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބޮޑުބައެއް، ދުނިޔޭގެ ޤާނޫނުތަކުގެ ތެރެއިން މަންމަ ޤާނޫނުގެ ގޮތުގައިބަލާ އދ.ގެ ޗާޓަރުގައިވާ ގިނަ ކަންކަމާއި އެއްގޮތަށްވަނީ ބަލައިގެންފައެވެ.

އދ.އަށްފަހު ރާއްޖެއިން ދެން މަސައްކަތްކުރީ އދ.އާ ގުޅުންހުރި ޑަބްލިއު އެއެޗްއޯ، ޔޫއެންޑީޕީ ފަދަ ޖަމާޢަތްތަކާ ގުޅުމަށެވެ. މީގެ އިތުރުން ނޮން އެލައިންޑް މޫވްމަންޓް 1976ގައި ރާއްޖެއިންވަނީ ބައިވެރިވެފައެވެ. އަދި 1985ވަނަ އަހަރު ރާއްޖެ ކޮމަންވެލްތުގެ ފުރިހަމަ މެންބަރުކަން ލިބުމާއި، ހަމަ އެއަހަރު ސާކުގެ ފައުންޑިން މެންބަރަކަށް ރާއްޖެވެ، 1969ގައި އޯއައިސީގެ މެންބަރަކަށްވުމަކީވެސް ޚާރިޖީ ސިޔާތުގެ ބިންގާ އެޅިގެންދިޔަ ގޮތުގެ މުހިއްމު ކަންތައްތަކެވެ.

ކުރީއްސުރެ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ. ކޮންމެ ސަރުކާރެއް އޮތްކަމުގައިވީނަމަވެސް އަމަލުކުރަމުންދިޔައީ މައިގަނޑު އެއް އަސާސްތަކެއްގެ މައްޗަށެވެ. ރާއްޖެއިން އިސްވެ އެއްވެސް ޤައުމަކާއި ތޮޅި، އެހެން ޤައުމުގެ މަސްލަހަތަކަށް އަރައިގެންފައެއްނުވެއެވެ.

ޚާރިޖީ ސިޔާސަތުގެ ތެރެއިން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މިނިވަންކަން ދިފާޢުކުރުމާއެކު ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ބައިވެރިވެ، ޤައުމުތަކާއެކު ގުޅުން ޤާއިމްކޮށް ތަރައްޤީގައި އެއްބާރުލުން ހޯދައި ވިޔާފާރީގެ ފުރުސަތު ހޯދުމާއި ރާއްޖޭގެ ތަރައްޤީއަށާއި މަސްލަހަތު ކުރިއެރުވުމަށް މަސައްކަތްކުރަމުން ގެންދެއެވެ. ސްކޮލަޝިޕްތައް ހޯދުމާއި ބޭރު ޤައުމުތަކުގައި ތިބޭ ދިވެހިންނަށް ކަންކަން ފަހިކޮށްދިނުމާއި އެމްބަސީތައް ޤާއިމްކުރުމަކީވެސް އެންމެ ގިނަ ދުވަސްވަންދެން އަމަލުކުރަމުން ގެންދާ އުސޫލުތަކެވެ.

މީގެ އިތުރުން ބޮޑެތި ނަންހިނގާ އަދި ކުރިއަރާފައިވާ ޤައުމުތަކުގައި ރާއްޖޭގެ އެމްބަސީތައް ޤާއުމްކުރުމާއި އެޤައުމު ތަކުގެ އެމްބަސީތައް ރާއްޖޭގައި ޤައިމް ކުރުމަކީވެސް ޚާރިޖީ ސިޔާސަތުގެ މުހިންމު ބައިތަކެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްސަލަތައް ރާއްޖެއިންވަނީ 1987ގައި ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި ނޮވެންބަރު 3ގެ ޢުދުވާނީ ހަލަމާއިން ފިލާވަޅު ލިބިގަނެ 1990ވަނަ އަހަރު ރާއްޖެއިން އިސްނަގައިގެން ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އދ.ގެ މަޖިލީހަށް މައްސަލައެއް ހުށައަޅައި އެމައްސަލައިގަ ބަހުސްކޮށް ޤަރާރެއް ވަނީ ފާސްކޮށްފައެވެ. އަދި 1992ގައި ކްލައިމެޓް ޗޭންޖް ކޮންވެންޝަން އުފަންކުރުވުމުގައިވެސް އިސްނެގި އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. މި މުއާހަދާއަށް ބާރުދީ ޖައްވު ހޫނުވާ ގޭސް ކޮންޓްރޯލްކުރުމަށް ފިޔަވަޅު އެޅޭނެކަންކަން ކުރުމަށް މިހާރުވެސްދަނީ މުއާހަދާ ވަރުގަދަ ކުރެވެމުންނެވެ.

ރާއްޖެއިން ވަނީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2011އިން 2013އަށް އަދި 2014އިން 2016އަށް ރާއްޖެއިން ދެ ދައުރު ފުރިހަމަކުރިއެވެ. މިއީ އިންސާނީ ހައްގުތަށް ދެމެހެއްޓުމަށް އދ.ގެ ޗާޓަރާ އެއްގޮތަށް ރާއްޖެއިން މަސައްކަތްކުރާ މިންވަރު ދަލީލުކޮށްދޭ ކަމެކެވެ.

ކުދި ޤައުމުތަކަށް ދިމާވާ އެތައް މައްސަލަތަކަކަށް، ހައްލު ހޯދައި އދ.ގައި ކުދި ޤައުމުތަކުގެ އަޑު އިއްވައިދިނުމަށްޓަކައި އުފެއްދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް) އުފެއްދުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރިއެވެ. އަދި 2015ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާ ހަމައަށް މި ޖަމިއްޔާގެ ޗެއާމަންގެ ދައުރު ރާއްޖެއިން އަދާކުރިއެވެ. މިއީ 39 މެމްބަރު ޤައުމާއި އޮބްޒާވަރުންގެ ގޮތުގައި އިތުރު 5 ޤައުމު ހިމެނޭ އެލަޔަންސެކެވެ.

މިކަންކަމާއެކު ރާއްޖެ ހިމެނޭ ކުދި ޖަޒީރާ ޤައުމުތަކުގެ ލިސްޓުގައި 45 ޤައުމު އޮންނައިރު މިއަދު ރާއްޖެ މިވަނީ އދ.ގެ ނިޒާމުގެ ތެރޭގައި ހިމެނޭ 6 ގުނަވަނުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު، ބޮޑު ގުވަންކަމުގައިވާ އދ.ގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތާއި ހާވާލުވެފައެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7ވަނަ ދުވަހުއެވެ. މި ސެޕްޓެމްބަރުމަހުގެ 15ވަނަ ދުވަހު ރަސްމީކޮށް ޝާހިދު މަޤާމާ ޙަވާލުވެވަޑައިގަތުމާއެކު މިހާރު ރާއްޖެއަކީ އދ.ގެ 193 ޤައުމު ހިމެނޭ ޢާއްމު މަޖިލީހުގެ ރިޔާސަރު ބަލަހައްޓާ ޤައުމެވެ.

މިމަޤާމު ރާއްޖެއަށް ލިބުމާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިވަނީ ވަރުގަދަކަމާއެކު މުޅި ދުނިޔޭގެ ކުރިމަތީގައި އިސް އުފުލާލާފައެވެ.