ޚަބަރު

"ދައުލަތުން ބަލަހައްޓާ ކުދިންނަށް ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ ޒިންމާއެއް"


ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްދަލުވުންތަކެއް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ވިދާޅުވެފައެވެ.

ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުޑަކުދިންގެ ހައްޤުތަކަށް ދެއްވާ ހާއްޞަ ސަމާލުކަން ފާހަގަކުރައްވަމުން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުތައް ވުޖޫދަށް ގެނައުމުން ފެށިގެން އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދީ އެކުދިންގެ ކަންކަން ގާތުން ބަލައިގެން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާއްޞަ އިސްކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ކޮންމެ ކުއްޖަކީވެސް ރަނގަޅު ކުއްޖެއް ގޮތުގައި މުޖުތަމައަށް ނެރެވޭ ކުއްޖަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ނާއިބު ރައީސް އިއްޔެވެސް މިފަދަ މުހިއްމު އިތުރު ބައްދަލުކުރެއްވުމެއް ކުރިއަށްގެންދެވިކަމަށާއި، އެ ބައްދަލުކުރެއްވުމުގައި ކެބިނެޓްގެ ކަމާގުޅުންހުރި ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވިކމަށެވެ.

ނާއިބު ރައީސްވަނީ ހުޅުމާލޭގައި ހުންނަ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ، އެ މަރުކަޒުގައި ތިބި ކުދިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.