ޚަބަރު

ބޮމުގެ ހަމަލާގެ ޝަރީއަތް - ތަޙްމީންއާއި މުޖާޒް ދަޢުވާއަށް އިންކާރު


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލައިގައި ދަޢުލަތުން ދަޢުވާކުރި ތަހުމީން އަހުމަދާއި މުޖާޒު އަހުމަދު ދައުވާތަކަށް އިންކާރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ތަހުމީނާއި މުޖާޒް އަދި އަލީ ހައިޝަމްގެ ޝަރީއަތްވެސް ކުރިއަށްގެންދިޔައީ ވަކިވަކިންނެވެ.

އަދުހަމް އަހްމަދާއި އަލީ ހައިޝަމް ވަކީލަކު އައްޔަންކުރަން ބޭނުންވާކަމަށް ބުނުމުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން މުއްދަތެއް ދިން ނަމަވެސް، ހައިޝަމަށް ވަކީލަކު ހަމަނުޖެއްސޭތީ އޭނާއަށް އެކަމަށް އިތުރު 10 ދުވަސްދޭން ކޯޓުން ވަނީ ނިންމާފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔައީ ތަހުމީނާއި މުޖާޒުގެ ޝަރީއަތެވެ. މި މައްސަލައިގެ ދަޢުވާ ސާފުވާކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވެ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމާއެކު ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އުފުލާފައިވާ ތަހުމީން ބުނީ އޭނާ ދަޢުވާތަކަށް އިންކާރު ކުރާކަމަށެވެ. އަދި ދައުވާކޮށްފައިވަނީ ނުކުރާ ކަމެއްގެ މައްޗަށްކަމަށް އޭނާ ބުންޏެވެ.

މިމައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ކުށެއްކޮށްފައިވާ އަދުހަމް ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލާފައިވާ މުޖާޒުވެސް ބުނީ ދައުވާއަށް އިންކާރު ކުރާ ކަމަށާއި، ދަޢުވާތަކުގައި ވަނީ އޭނާއަށް އެނގޭ ކަންތައްތަކެއް ނޫންކަމަށެވެ.

ދައުލަތުން ތަހުމީންއާ ދެކޮޅަށް 113 ޝަފަހީ ހެކާއި، 86 ކިތާބީ ހެކި ހުށަހަޅާފައިވާއިރު، މުޖާޒްއާ ދެކޮޅަށް 103 ޝަފަހީ ހެތްކާއި 80 ކިތާބީ ހެކި ހުށަހަޅާފައިވެއެވެ. މީގެތެރޭގައި 24 ހެއްކަކީ ސިއްރު ހެކިތަކެވެ.

ޝަފަހީ ހެކީގެ ތެރޭގައި، ފުލުހުންގެ އޮފިޝަލުންނާއި، އެމްއެންޑީއެފްގެ އޮފިޝަލުންނާއި، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ބޭފުޅުންނާއި، ރައީސް ނަޝީދަށް ފަރުވާ ދިން ޑޮކްޓަރުންނާއި، އާންމުންވެސް ހިމެނެއެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ތަހުމީންއާއި މުޖާޒްގެ އިތުރުން ހައިޝަމްގެ ބަންދުގެ މުއްދަތު ދެމެހެއްޓުމަށް ނިންމަވާފައެވެ. އަދި ވީހާވެސް އަވަހަށް ރިމާންޑު ޖަލަކަށް ބަދަލުކުރެވޭނެ ތާރީހެއް ދިނުމަށްވެސް ވަނީ އެދިފައެވެ.

މި އަޑުއެހުމުގައި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްގެ ޕްރޮސެކިއުޓަރަކުވެސް ދަޢުލަތުގެ ވަކީލުންނާއެކު ބައިވެރިވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދަޢުވާކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހަކު ދަޢުވާއަށް އިންކާރުކޮށްފައިވީނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި އަދުހަމް އަހްމަދަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފެށުމާއެކު އޭނާ ވަނީ ދަޢުވާތަކަށް އިއުތިރާފްވެފައެވެ.

އަދުހަމް ވަނީ ދަޢުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައެވެ. އަދި ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުމުން އޭނާގެ ޢަދަބު 23 އަހަރުގެ ޖަލު ޙުކުމަކަށް ވަނީ ކުޑަކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 6 މީހެއްގެ މައްޗަށް ވަނީ ދަޢުވާކޮށްފައެވެ.