ޚަބަރު

17ވަނަ ކެޑޭޓް ކޭމްޕް ނިމިއްޖެ


ރާއްޖޭގައި ޙަރަކާތްތެރިވާ އެތައް ކެޑޭޓުންނަކަށް އަމިއްލަ ނަފްސުގެ ތަރައްޤީއާއި ތަރުބިއްޔަތުގެ އެތައްކަމެއް ދަސްކޮށްދެއްވި 17 ވަނަ ކެޑޭޓް ކޭމްޕް ނިމިއްޖެއެވެ.ކ. ގިރިފުށީގައި ބާރަދުވަހުގެ މުއްދަތަށް ކުރިއަށްގެން ދިޔަ  މި ކެޑޭޓް ކޭމްޕްގައި ޖުމްލަ 137 ދަރިވަރުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ 33 ސްކޫލަކުން ބައިވެރިވި މި ކެޑޭޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިއުކޭޝަން އިބްރާހީމް އިސްމާޢީލް ޢަލީއެވެ. މިރަސްމިއްޔާތުގައި ޤައުމީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ތެރެއިން ވަނަވަނައަށް އައި ދަރިވަރުންގެ އިތުރުން ކޭމްޕްގެ އެންމެ މޮޅު 10 ކެޑޭޓުންނަށް ހަނދާނީ ލިޔުމާއި އިނާމް ދީފައިވެއެެވެ.17 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގައި ކިޔަވައިދެވުނު މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ކެޑޭޓް ލާންސް ކޯޕްރަލް މަރިޔަމް ނައުފާ ނަޒީރުއެވެ. އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވުނީ ކެޑޭޓް ޕްރައިވެޓް އައިމިނަތު ނައީޝާ ނިޒާމްއެވެ. އަދި އެންމެ މޮޅު ފިރިހެން ދަރިވަރަކަށް ހޮވުނީ ކެޑޭޓް ސާރޖަންޓް މުޙައްމަދު ލުޖައިން ތޮލާލެވެ. މުޅި ކޭމްޕުން އެއްވަނަ ޕްލެޓޫނަކީ ޗާލީ ޕްލެޓޫނެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ރިވެތި އަޚްލާޤާއި ސްލޫކް އަށަގެންނެވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން ޤައުމީ ރޫހު އުފައްދާ ދިރުވުން މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ، މި ކޭމްޕާއި ބެހޭގޮތުން ބައިވެރިން ބުނީ މި ކޭޕުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ހިގައްޖެކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން އަމިއްލަ ރަށުން ބޭރުގައި ކުދިން ހޭދަކުރުމާއި ބެހޭގޮތުން ވާހަކަދައްކަމުން ބެލެނެވެރިއަކު ބުނީ މިފަދަ ކޭމްޕްތަކަކީ ކުދިންގެ ކުރިމަގަށް ވަރަށް މުހިންމު ކޭމްޕްތަކެއްކަމަށެވެ.މިއަހަރުގެ ކެޑޭޓް ކޭމްޕްގައި ބައިވެރިވި ސްރީލަންކާއި އާއި ބަންގްލަދޭޝްގެ ކެޑޭޓުން މިކޭޕާއި މެދު އުންމީދުކުރަނީ ކުރިއަށް އޮތްތާނގައިވެސް މިފަދަ ކޭމްޕްތަކުގައި ބައިވެރިވެވޭނެކަމަށެވެ.މި ރަސްމިޔާތުގައި ކޭމްޕުން ފާސްވި ފަރާތްތަކަށް ވަނީ ބެޖް ހަވާލުކޮށްފައެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ އިސްބޭފުޅުންނާއި އެމްއެންޑީއެފްގެ ބައެއް އޮފިސަރުންނާއި ޤައުމީ ކެޑޭޓް ކޯގެ އޮފިސަރުންގެ އިތުރުން ކެޑޭޓުންގެ ބެލެނިވެރިންނާއި ސްކޫލްތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.